އަންނަ އަހަރުގެ ކުރީކޮޅު ފަލަސްތީނުގެ ރިޔާސީ އިންތިހާބު ބޭއްވުމަށާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހު ބާއްވަން ކަނޑައަޅުއްވައި ރައީސް މަހްމޫދު އައްބާސް ރިޔާސީ ގަރާރެއް ނެރުއްވައިފި އެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" ގައި ޝާއިއުކުރި މި ބަޔާނުގައި، 2027 ގައި އިންތިހާބު ބާއްވާނެ ވަކި ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. އުމުރުން 90 އަހަރުގެ އައްބާސް ވެރިކަމުގައި ހުންނަވާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މީގެ ކުރިން ވެސް އިންތިހާބު ބާއްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވުމަށް ފަހު އިންތިހާބު ފަސްކުރައްވާފައިވެ އެވެ.
އެންމެ ފަހުން ފަލަސްތީނުގައި ރިޔާސީ އިންތިޚާބެއް ބާއްވާފައިވަނީ 2005 ވަނަ އަހަރުއެވެ.
ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު މަހު ބޭއްވުމަށް ރައީސް އައްބާސް ނެރުއްވި ގަރާރުގެ ދަށުން މަޖިލީހުގެ ގޮނޑީގެ އަދަދު 200 އަށް އިތުރުކޮށް، އިންތިހާބީ ތްރެޝްހޯލްޑް (އިންތިހާބުން ގޮނޑިއެއް ކާމިޔާބު ކުރަން ބޭނުންވާ އެންމެ މަދު ވޯޓުގެ ނިސްބަތް) 1 ޕަސެންޓަށް ދަށްކުރުމަށް ވަނީ ނިންމަވައިފަ އެވެ. އަދި ކޮންމެ ޕާޓީއެއްގެ ކެންޑިޑޭޓުންގެ ލިސްޓުގެ ހަތަރުބައިކުޅަ އެއްބަޔަކީ އަންހެނުންނަށް ވާންޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އިންތިހާބު އިއުލާނުކޮށްފައި ވާއިރު ފަލަސްތީނުގެ އާންމުންގެ މެދުގައި އައްބާސްއާ މެދު ނުތަނަވަސްކަން ބޮޑެވެ. ފަލަސްތީނުގެ ރިސާޗް ސެންޓަރަކުން ހެދި ސާވޭއަކުން ދައްކާގޮތުގައި ޣައްޒާ އަދި ހުޅަނގު އައްސޭރީގެ 80 ޕަސެންޓް ރައްޔިތުން ބޭނުންވަނީ އައްބާސް މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
އިންތިހާބު ބާއްވަން އިއުލާނުކުރި ފަލަސްތީނުގެ އެތެރޭގެ އިސްލާހަށްވުރެ ބޮޑަށް، ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއި ތާއީދު ހޯއްދެވުމަށް ކަމަށް ބައެއް މީހުން ދެކެ އެވެ.
އަންނަ އަހަރު ކުރީކޮޅު ފަލަސްތީނުގެ ރިޔާސީ އިންތިހާބު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ