ވިލުރީފްގައި ޒަމާނީ އޯޝަން ވިލާތަކެއް ހުޅުވައި، ސަން ސިޔާމް ގްރޫޕް ބެޑް ކެޕޭސިޓީ އެންމެ ބޮޑު ކުންފުންޏަށް
ސަން ސިޔާމް ރިސޯޓްސްގެ ދަށުން ހިންގާ ސަން ސިޔާމް ވިލުރީފްގައި މުޅިން އާ، ޒަމާނީ އޯޝަން ވިލާތަކެއް މިއަދު ހުޅުވައި، އެންމެ ބޮޑު ކެޕޭސިޓީ އޮތް ކުންފުންޏަށް ވެއްޖެއެވެ. މިއަދު އެ ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ވިލާތައް ހުޅުވައިދެއްވީ ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދެވެ. މި އާ ވިލާތަކަކީ އެންމެ ފަހުގެ ޓްރެންޑްތަކަށް ފަރުމާކޮށްފައިވާ، "ދިވެހިވަންތަ، މިނިމަލިސްޓިކް" ފަރުމާއެއް އެކުލެވޭ ހިތްގައިމު ވިލާތަކެކެވެ. 15 ޖޫން 2026: ވިލުރީފްގައި ހުޅުވި އާ އޯޝަން ވިލާއެއް -- ފޮޓޯ: ސަން ސިޔާމް ވިލުރީފް ފަތުރުވެރިންގެ މެދުގައި މަޤްބޫލުވާނެ ގިނަ ސިފަތަކަކާއެކު ތަރައްޤީކޮށްފައިވާ މި ވިލާތަކަކީ އެ ރިސޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢަށް އެންމެ ބޮޑު އިންވެސްޓްމެންޓެއް ކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިންނެވެ. މިއަދު ބޭއްވި ހަފްލާގައި އެސްބީއައިގެ އިސްވެރިންގެ އިތުރުން ސަން ސިޔާމް ކުންފުނީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އެ ކުންފުނީގެ ދަށުން ހިންގާ އެހެނިހެން ރިސޯޓުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް ވިދާޅުވީ، ވިލުރީފްގައި މި ހުޅުވުނު އާ ވިލާތަކާއެކު، ސަން ސިޔާމް ކުންފުނި ވެފައިވަނީ ރާއްޖޭގައި މިހާރު ސިންގަލް އިންވެސްޓަރެއްގެ ގޮތުގައި އެންމެ ބޮޑު ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ އަދަދު އެންމެ ގިނަ ކުންފުންޏަށް ކަމަށެވެ. 15 ޖޫން 2026: ވިލުރީފްގައި އާ އޯޝަން ވިލާތައް ހުޅުވުމުގެ ހަފްލާގައި ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އާއިޝް އަޝްރަފް މިއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިޔާމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިޔާމް ވިދާޅުވީ، މިފަދަ އާ ކަންކަން ތައާރްފކުރުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަށް ތައްޔާރުވުމަކީ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. "އާދެ، މީގެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި މުސްތަޤްބަލު އުފެދިގެންދާ އުފެއްދުންތަކަށް ތައްޔާރުވުން. އަޅުގަނޑުމެންގެ އާ ތަޖުރިބާތަކާއި އާ އުސްމިންތަކަށް ދާން ވިސްނާއިރު މިކޮޅަށް އަންނައިރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ވިސްނެނީ އަންނަ މެހްމާނުންނަށް ދޭނެ އާ ތަޖުރިބާތަކަށް އަޅުގަނޑުމެން އެމީހުންނަށް ދޭ ޚިދުމަތްތައް ވަގުތުން ދިނުން،" ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާބަލާއިރު މިއަދު ފަތުރުވެރިންގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. 15 ޖޫން 2026: ވިލުރީފްގައި އާ ވޯޓާ ވިލާތައް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: އާއިޝް އަޝްރަފް "އަޅުގަނޑުމެންގެ މީގެ ފަންސަވީސް ތިރީސް އަހަރުގައި އިންސާނުންގެ ދިރިއުޅުމާ އިންސާނުންގެ ވިސްނުން ހުރީ ތަފާތުކޮށް، މިއަދާ އޭރާ. އޭރުގަ ހަތަރުގަޑި އިރު، ހަގަޑިއިރު މަޑުކުރަން ޖެހުނަސް މައްސަލައެއް ނެތް. މިއަދު ފަސް މިނެޓު ވެސް ލަސްވެއްޖިއްޔާ އެ މީހުން ބޭނުންވާ ކަންކަން ނުލިބިގެން ކަންބޮޑުވޭ. އެހެންވީމަ އަޅުގަނޑުމެންގެ ސާވިސް ލެވެލްގައި ބަހައްޓަންވީ އެ މީހަކު ބޭނުންވާ ކަމެއް އެ ވަގުތުން ވަގުތަށް ލިބުން. އެގޮތަށް އަޅުގަނޑުމެންނަށް ޚިދުމަތް ދެވިއްޖިއްޔާ އަޅުގަނޑުމެންގެ ސާވިސް އިންޑަސްޓްރީ ކުރިއަށްދާނެ،" ސިޔާމް އިތުރަށް ވިދާޅުވިއެވެ. 15 ޖޫން 2026: ސަން ސިޔާމް ވިލުރީފްގައި އަލަށް ހުޅުވި އޯޝަން ވިލާ -- ފޮޓޯ: ސަން ސިޔާމް ވިލުރީފް ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން ގޮންޖެހުންތައް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް ހުއްޓުމެއް ނެތި އެ ކުންފުނިން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން މިހާރު ވެސް ރާއްޖޭގައި މަތީ ފެންވަރުގެ ފަސް ރިސޯޓު އަންނަނީ ހިންގަމުންނެވެ. އަދި ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ