ދިވެހިންގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެން ވަނީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެ ފާނުގެ އަސްހާބުން މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ހާސިލުކުރަންވީ އެންމެ މުހިއްމު ފިލާވަޅަކީ އެއްބައިވަންތަކަން ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި (މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި) މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު ކުޑަކުޑަ ދިވެހި މުޖުތަމައުގައި މިއަދު ދިރުވަން ޖެހޭ ކަމަށެވެ. ސިޔާސީ އަދި އިޖުތިމާއީ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ހުރިހާ ކަމަކަށް ވުރެ ކުރިއަށް ގައުމީ މަސްލަހަތު ނެރުމަކީ މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް. މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންަސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހޭ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ އެއް އަމާޒަކަށް ދާން އަތުގުޅާލައިގެން ކަމަށާއި މިއަދު އަޒުމް ކަނޑައަޅަންވީ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި އަދި ދިވެހިވަންތަ ރީތި އަހުލާގުގެ މަތީގައި ބޮޑުވާ ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ވެސް އެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، ދިވެހިންގެ އެންމެ ބޮޑު ބާރެވެ.
"އެހެންކަމުން މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް. އެ ޔަގންކަން މި މުނާސަބަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
މި ފެށުނު އާ އަހަރަކީ ރާއްޖޭގެ އިގުތިސާދު އާރާސްތުކޮށް އިޖުތިމާއީ ފޭރާން ވަރުގަދަކުރަން ލިބޭ އާ ފުރުޞަތެއް ކަމަށާއި ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ އާ އީޖާދުތަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި އިގުތިސާދި ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އާ އުސްމިންތަކަކަށް ގެންދަން ހުރިހާ ރައްޔިތުން އެކުއެކީގައި އާ އަޒުމެއްގައި މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
"ހަމައެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަހުންނާއި އުޚުތުންނަށް ހެޔޮދުއާ ކުރުމުގައި ދެމިތިއްބެވުމަށްވެސް ހަނދާންކޮށްދެން،" ރައީސް ވިދާޅުވި އެވެ.
ކުރިއެރުމާއި ހަމަޖެހުން އޮތީ އެއްބައިވަންތަކަމުގައި، ހިޖުރައިން ހާސިލުކުރަންވީ އެ ފިލާވަޅު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ