ފައިނޭންޝަލް އެކްސްޕޯ ޖުލައި 2 ގައި ފަށަނީ، އެންމެންނަށް މުހިންމު ފުރުސަތެއް!

ރާއްޖޭގެ މާލީ ދާއިރާގައި ހުރި ފުރުސަތުތަކާއި، އަލަށް ތައާރަފުކުރާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ޖުލައި މަހުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ ޖުލައި 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެ ދުވަސްތަކުގައި އެކްސްޕޯ ހުޅުވިފައި ހުންނަނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. 
އާދައިގެ ސޭވިން އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުމަކީ ކޮންމެ މީހެއްގެ ދިރިއުޅުމާވެސް ގުޅިފައިވާ ކަންކަމެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ހިދުމަތެއްކަން ދެނެގަތުމަކީ ގިނަ ބަޔަކަށް ދިމާވާ ގޮންޖެހުމެކެވެ.
މި އެކްސްޕޯގެ ސަބަބުން ވަކިވަކި ބޭންކުތަކަށް ނުވަތަ މާލީ އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ތަނަކުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އަޅާކިޔާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެވެ. އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ؛
އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ ސުވާލުތަކަށް ޖަވާބު ހޯދުމާއި، ހިދުމަތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތާއި އަމަލީ އިރުޝާދު ސީދާ ވަގުތުން ހޯދޭނެ އެވެ.  އަދި އަލަށް ތައާރަފުކުރާ އުފެއްދުންތަކާއި ޑިޖިޓަލް ހިދުމަތްތައް އިފްތިތާހުކުރާ މައިދާނަކަށް މި އެކްސްޕޯ ވެގެންދާނެތީ، އާންމުކޮށް އަދި ލިބެން ނެތް އާ ހިދުމަތްތައް ދެނެގަތުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. 
މިއީ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް  ވެސް ނުހަނު މުހިންމު ހަރަކާތެކެވެ. މާލީ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލައި، ފައިސާ ދޫކުރާ ފަރާތްތަކާ ސީދާ މަޝްވަރާކޮށް، ރަސްމީ މާލީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ލިބެން ހުރި އެހީތެރިކަން ދެނެގަތުމަށް މިއީ ރަނގަޅު މާހައުލަކަށް ވާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. 
އަދި މާލީ ދާއިރާގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން، ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތައް ވެސް ބާއްވަ އެވެ. 
ހަމައެކަނި މާލީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މިއީ މުޖުތަމައުގެ އެކި ފަންތީގެ މީހުން ބައިވެރިވާ އާއިލީ ހަރަކާތެއްގެ ގޮތުގައި ވެސް ވަނީ ފަރުމާކުރެވިފަ އެވެ. އެގޮތުން ލައިވް މިއުޒިކާއި، ނަސީބު ގުރުއަތާއި، ކުޅިވަރުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކާބޯތަކެތީގެ ސްޓޯލްތައް މި ތިން ރޭ ވެސް ކުރިއަށްދާނެ އެވެ.
ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުން:  ޖުލައި މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތުގައި ކުޅިވަރުގެ ތެރެއިން މާލީ ކަންކަމުގެ އަސާސީ މައުލޫމާތު ކުދިންނަށް ދަސްކޮށްދެވޭނެއެވެ. އަދި އެރޭ 10:00 ގައި އެކްސްޕޯގައި ބައިވެރިވާ މާލީ އިދާރާއެއްގެ ފަރާތުން ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މި އެކްސްޕޯއަކީ އެންމެހައި ރައްޔިތުން މާލީ ނިޒާމުގެ ތެރޭގައި ޝާމިލުކުރުވުމަށާއި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިންގޭ ބޮޑު ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ