މަންމަގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލް ނުވާ ގައުމަކަށް ރާއްޖެ ވެއްޖެ

މައި މީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލް ނުވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެ ކަނޑައަޅައި، އެކަމުގެ ލިޔުން ރާއްޖެއާ ހަވާލުކޮށްފި އެވެ.
މިލިޔުން ރާއްޖެއާ ހަވާލުކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގު އެވެ. ރާއްޖޭގެ ފަރާތުން މިލިޔުމާ ހަވާލުވެވަޑައިގަތީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ރާއްޖެއަށް މިއަދު ލިބުނު ލިޔުން މިސަރަހައްދުން މީގެކުރިން ލިބިފަައިވަނީ އެންމެ ގައުމަކަށެވެ. އަދި ރާއްޖެ މިއީ މިލިޔުން ލިބުނު 12 ވަނަ ގައުމެވެ. މިއީ ގައިންގަޔަށް އަރާ ބައްޔެއް ދިވެހިރާއްޖެއިން ނައްތާލެވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެއަށް ދިން މިފަދަ 4 ވަނަ ލިޔުމެވެ. މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ރާއްޖެއިން ނައްތާލެވިފައިވާ ކަން ކަނޑައަޅާ، ދިވެހިރާއްޖެއަށް ވަނީ ލިޔުން ހަވާލުކޮށްފަ އެެވެ.
ދިވެހިރާއްޖެ މިއަދު ހާސިލް މިކުރި ލިޔުން ހޯދުމުގެ މަސައްކަތް ފެށާފައިވަނީ 2014 ވަނަ އަހަރު އެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިމަސައްކަތް ވިލަރެސް ކުރުމަށް ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ގާއިމުކުރެވުނު ކަމަށް ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގުނު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މީގެ ތެރޭގައި މާބަނޑު ދުވަސްވަރު ސިއްހީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗްއައިވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެވުނު ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ހެލްތް މިިސްޓްރީން ބުނީ 2018 ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ގައުމީ ރިޕޯޓް އެކުލަވާލައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހުށަހެޅުނު ކަމަށެވެ. އެއަށްފަހު މި ރިޕޯޓްގައިވާ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ސަރަހައްދީ ވެލިޑޭޝަން ޓީމެއް ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ. މިޓީމުން މާލެއާއި އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗްއައިވީއާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތާއި މިކަމާ ބެހޭ ކަންކަން ދިރާސީ ރޮގަކުން ބައްލަވައިފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހެލްތް މިނިސްޓްރީން ބުނީ ރީޖަނަލް ވެލިޑޭޝަން ޓީމުން އަތޮޅު ތެރޭގައި އެޗްއަވީއާ ސިފިލިސް ޓެސްޓު ކުރުމުގެ ހިދުމަތް ލިބެންހުރި ގޮތާއި، ބޭނުންވާ ހިދުމަތްތައް ފަސޭހަ ނިޒާމެއްގެ ތެރެއިން ލިބެން ހުރިތޯ ބަލާފައިވާ ކަމަށެެވެ. އަދި މިކަންކަމަށް ފަރުވާ ލިބެންހުރި ގޮތްވެސް ބަލާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ބުނީ ވެލިޑޭޝަން ޓީމުން ބަލާފައިވާ ކަންކަމަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ގާއިމްކުރެވިފައިވާ ކަންކަން ކަމަށެވެ. އަދި ރާއްޖެއަށް މި ލިޔުން ލިބުން ނަމަވެސް މި ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަަސައްކަތް ދުނިޔޭ ސިއްހަތު ޖަމިއްޔާއިން ބަލަމުން ގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ