ބިދޭސީން އެތެރެކުރުމުގައި އިހުމާލުވި ފަރާތްތަކެއްގެ މައްސަލަ ބަލަނީ

އެކިއެކި މަސައްކަތް ތަކަށް ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގައި އިހުމާލުވިކަމަށް ބެލެބޭ 67 ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބިދޭސީން ގެނައުމުގެ އެކި މަރުޙަލާގައި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަމުން ގެންދާ ކަމުގައެވެ. އަދި އެކަމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތު ކުރެވޭ 67 ފަރާތެއްގެ މައްސަލަ ބަލަމުން ގެންދާކަމަށްވެސް އެބަޔާނުގައި ވެއެވެ.
ބިދޭސީ މަސައްކަތް ތެރިންނަށް ކޯޓާދިނުމާއި އެކަމާއި ގުޅޭ ބައެއް ކަންކަން މިހާރުވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން އެކަންކަން ކުރަމުން ގެންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ.
ބިދޭސީން އެތެރެކުރުމުގައި އިހުމާލުވި މައްސަލަތައް ބަލަމުން ގެންދާއިރު މިހާތަނަށް 27 ކުންފުންޏަކާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ އިހުމާލުވުމާއި ގަވާއިދާއި ހިލާފަށް އަމަލު ކުރުމުގެ ތުހުމަތު ވަކިފަރުދުންނާއި އަމިއްލަ ކުންފުނިތަކަށްވެސް ކުރެވޭ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ