ޖަފްނާގެ ރަށްބޭރުން ފެނުނު ބޮޑު ގަބުރުސްތާން، މަރާ ވަޅުލައިފައިވާ ތަމަޅައިންތަ؟

ސްރީލަންކާ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރި ތަމަޅައިން ގާއިމުވެ ތިބި ސަރަހައްދުން ބޮޑު ގަބުރުސްތާނެއް ފެނިއްޖެއެވެ.
މިހާތަނަށް 19 ހަށިގަނޑު ފެނިފައިވާ އިރު އޭގެ ތެރޭގައި 10 ދުވަސް ނުވާ ތުއްތު 3 ކުއްޖެއްޖެ ކަށިތައްވެސް ހުރި ކަމަށް އާކިއޮލޮޖިސްޓުން ވަނީ ބުނެފައެވެ.
ލަންކާގެ މައި ސަރުކާރާ ވަކިވެ ވަކި ދައުލަތެއް ގާއިމު ކުރުމަށް ތަމަޅައިން 24 އަހަރު ވާންދެން ހަނގުރާމަ ކުރިއެވެ. ތަމަޅައިގެން ތެރޭގައިވެސް އިންސާނީ ބޮޑެތި ޖަރީމާތާއް ހިންގާފައި ވާ އިރު، އެ ހަނގުރާމައިގައި ތަމަޅައިންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައި ވެއެވެ. ބޭރުގެ އެހީއާއެކު ލަންކާގެ ސަރުކާރު ސިފައިން ކުރި ހަނގުރާމައިގައި 40،000 އަށް ވުރެ ގިނަ މީހުން މަރާލާފައި ވާކަމަށް އދ ގެ ރިޕޯޓުތައް ބުނާއިރު ތަމަޅައިންނާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ، 170،000 މީހުން މަރާލި ކަމަށެވެ. އަދި 60،000 އާއި 100،000 އާ ދެމެދުގެ އަދަދެއްގެ މީހުން، ވީނުވީއެއް ނޭނގި ގެއްލިފައި ވާ ކަމަށް އެމްނެސްޓީން ކުރި ދިރާސާއެއްގައި ހާމަ ކޮށްފައި ވެސް ވެއެވެ.
މިހާރު ޖަފްނާގެ ރަށް ބޭރުން ފެނިގެން އުޅޭ ބޮޑު ގަބުރުސްތާނަކީ، ހަނގުރާމައިގެ ތެރޭގައި ގެއްލުނު މީހުން މަރާ ވަޅުލާފައި އޮތް ތަނެއް ކަމެއް ނުވަތަ، އެހެންވެސް ގޮތަކުން މަރާ ވަޅުލާފައި ވާ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ތަމަޅައިން ބަލި ކުރި ހަނގުރާމައާ ގުޅޭ ފުރިހަމަ ތަހުގީގެއް އަދިވެސް ހިންގިފައި ނުވާއިރު، މި ފެނުނު ގަބުރުސްތާނުގެ ހަގީގަތް ހޯދަން ފަސޭހަ ނުވާނެ ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.
ޖަފްނާގެ ތެރެއިން ދަތުރުކުރަން އޮންނަ މައި މަގަކާ ގާތްގަނޑަކަށް 100 މީޓަރެއްހާ ހިސާބުން ބޮޑު ގޭޓެއް ހުރަސްކޮށް ވަދެވެން އޮންނަ ސަރަހައްދެއްގައި އޮތް މި ގަބުރުސްތާން އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް އާކިއޮލޮޖިސްޓުން ދަނީ ކުރަމުންނެވެ.
މިތަން ފެނުނު ގޮތް ހާމަ ކުރަމުން ހަބަރުތަކުގައި ވަނީ، ގަބުރުސްތާން ފެނުނީ، އެ ސަރަހައްދުގައި އިމާރާތެއް ހެދުމަށް ކޮންނަމުން ދަނިކޮށް ކަމަށެވެ. ސެޓެލައިޓް ފޮޓޯތަކާއި ޑްރޯންގެ އެހީގައި ނަގާފައި ވާ އިތުރު ފޮޓޯތައް ދިރާސާ ކުރާ އިރު، މީހުން ވަޅުލާފައި ވާ އިތުރު ސަރަހައްދުތައް ކަމަށް ބެލެވޭ ތަންތަން ފާހަގަ ވެފައި ވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޗެމްމަނީ ނަމަކަށް ކިޔާ އެ ސަރަހައްދަކީ، މީހުން މެރުމާއި އެނޫންވެސް ގިނަ ޖަރީމާ ހިންގުމުގެ 25 އަހަރުގެ މާޒީއެއް ވެސް އޮތް ސަރަހައްދެކެވެ. 1996 ގައި ހިނގި އެފަދަ އެއް ހާދިސާ އަކީ، ސްކޫލް ކުއްޖަކު ރޭޕް ކޮށް، އޭނާގެ މަންމަ އާއި ބޭބެ އަދި އާއިލީ ރަހުމަތްތެރިއަކު މަރާލުމުގެ ހާދިސާއެވެ. އޭރު އެކަން ކުރި ކަމުގެ ކުށް ސާބިތުވީ ލަންކާގެ އާމީންގެ ކޯޕަރަލް އެއް ކަމަށް ވާ ސޮމްރާންޓޭ ރާޖަޕަކްސަގެ މައްޗަށެވެ. ތަހުގީގުގެ މަރުހަލާގައި އޭނާގެ ފަރާތުން ސާފުވި ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވަނީ، 300 އާއި 400 އާ ދެމެދު އަދަދެއްގެ މީހުންގެ ހަށިގަނޑުތައް ޗެމްމަނީގައި ވަޅުލާފައި ވާ ކަމަށެވެ. އަދި އޭނާ ދިން މައުލޫމާތުގެ އަލީގައި 15 މީހަކު ވަޅުލާފައި އޮތް އެފަދަ ގަބުރުސްތާނެއް ހޯދާފައި ވެސް ވެއެވެ.
ތަމަޅައިން މަރާ، ވަޒަނުން ފައްސާލައި އަދި ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލުވާލި ހާދިސާގެ ހަނދާންތައް ތަމަޅައިން އަދިވެސް އާކުރަމުން ދާއިރު، މިފެނުނު ބޮޑު ގަބުރުސްތާނާއެކު އެ ހަނދާންތަކުގައި އިތުރަށް ކުލަޖެހިގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ.
މިހާރު ދުނިޔޭގެ އެތަން މިތަނަށް ތަމަޅައިން ވިއްސިވިހާލިވެގެން ގޮސްފައި ވީ ނަމަވެސް، އެމީހުން އެއް ބައެއްގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުން ގެންދެއެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ހަރަކާތްތެރިކޮށް މިހާރު އުޅޭ ދެ ގައުމަކީ ކެނެޑާ އާއި އިންޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ