ހޭލެވުނީ ސައިރަންގެ އަޑަށް؛ ހަނގުރާމައިގެ މެދުގައި ދިވެހީންތަކެއް ތާށިވެފައި!
ރޭގަނޑުގެ ނިދިން ހޭލައްވާލީ ސައިރަންގެ އަޑުންނެވެ. ބިރުވެރިކަމުގެ ތެރެއަށެވެ. މިއީ ބިލީ ޖީން ކިންގް ކަޕް ނުވަތަ ޓެނިސް ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވާން ޖޯޑަންގައި ތިބި ދިވެހީންނަށް މިއަދު ކުރަން ޖެހުނު ތަޖުރިބާއެވެ. ޖޯޑަން އޮންނަނީ އިޒްރޭލާއި އީރާނާ ދެމެދުގައެވެ. ދެ ގައުމުގެ ހޫނު ހަނގުރާމަ ހިނގަނީ އެ މީހުންގެ ބޯމަތީގައެވެ. މިސައިލުތަކާއި ޑްރޯންތައް ދަތުރުކުރަނީ ޖޯޑަން މަތިންނެވެ. އެ މީހުން ތިބީ އެ ތަނުގައި ތާށިވެފައެވެ. ވައިގެ ސަރަަހައްދު ބަންދުކޮށްފައިވުމާއެކު ފްލައިޓްތައް ކެންސަލްވަނީއެވެ. އެ ގައުމަށް ދަތުރުކުރަނީ ވެސް ރޯޔަލް ޖޯޑޭނިއަންއިން އެކަންޏެވެ. "މާލެ ދެވޭނެކަމުގެ ޔަގީންކަމެއް ވެސް އަދި ނެތް. ހާލަތު މި ދަނީ ގޯސްވަމުން،" ޖޯޑަންއަށް ޓެނިސް ޓީމާ އެކު ދަތުރުކުރި ބެލެނިވެރިއަކު 'ސަން'އަށް އެ ތަޖުރިބާ ކިޔައިދިނެވެ. އެ މީހުން ޖޯޑަންއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. ކަން ދިމާކުރި ގޮތުން ހަނގުރާމައިގެ ހޫނުގަދަވީ ވެސް އެ ރެއެވެ. އެހެންވެ، ޖޯޑަންގެ ވައިގެ ސަރަހައްދު ރައްކާތެރިއެއް ނޫނެވެ. އެ މީހުންނަށް އެ ގައުމުން ނުކުމެވޭނެ ގޮތެއް ނެތެވެ. https://sun.mv/207368 ކޮލިފައިންގައި ރާއްޖެ ތަމުސީލުކުރަން ހަތަރު ކުޅުންތެރިން ދަތުރުކުރިއެވެ. ބެލެނިވެރިޔާ ބުނި ގޮތުގައި އެއީ 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންކޮޅެކެވެ. ދެން ތިބީ ޓީމުގެ އީރާން ކޯޗާއި މެނޭޖަރުގެ އިތުރުން ކުޅުންތެރިންގެ އާއިލާއެވެ. އެއް ކުޅުންތެރިއެއްގެ ކޮއްކޮއާއި މަންމައާއި ބައްޕަ ވެސް އެބަތިއްބެވެ. ޖުމުލަ 19 ޓީމު ހިމެނޭ މި ގްރޫޕުގެ މެޗުތައް ކުޅެނީ ދެ ގައުމެއްގައެވެ. އެއީ، އަވައްޓެރި ސްރީލަންކާގައި ނުވަ ޓީމު އަދި، ޖޯޑަންގައި 10 ޓީމެވެ. 'ނަސީބު ދެރަކަމުން' އެ މީހުންނަށް ޖޯޑަންގައި ކުޅެން ޖެހުނީއެވެ. އެކަމަކު، އެ މީހުންނަށް ލިބުނު ނަސީބަކީ ޑރ. އުސާމާ އަލީ އުމަރު ވެސް އެ މީހުންނާ އެކު ހުންނެވުމެވެ. އޭނާ އެ ސަރަހައްދަށް ވަރަށް ފަރިތައެވެ. 'ސަން'އާ ވާހަކަދެއްކި ބެލެނިވެރިޔާގެ ބަހުން ނަމަ 'ލިބުނު ބޮޑު ނަސީބެ'ކެވެ. އެހެންވިޔަސް އެ މީހުންނަށް އެންމެ އަވަހަށް ވެސް ޓިކެޓެއް ލިބުނީ ހުކުރު ދުވަހަށެވެ. އެއީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށެވެ. ޖޯޑަންގައި ތިބި ދިވެހި ޓީމު: އެ މީހުން ތިބީ ޖޯޑަންގައި ތާށިވެފައި -- "އެއަށް މި ތިބެނީ ދެން ދުއާކޮށްލައިގެން... އިއްޔެއާ ހަމައަށް ހެނދުނަކު އަޅުގަނޑުމެންނަށް ސައިރަންގެ އަޑެއް ނުއިވޭ. އެކަމަކު، މިއަދު ހެނދުނު އަޅުގަނޑުމެން ހޭލީ ވެސް ސައިރަންގެ އަޑަށް. އެއީ، ގާތްގަނޑަކަށް މިތާ ގަޑިން އަށެއް ޖެހިއިރު،" ބޮން އަޅަނީ ޖޯޑަންއަކަށް ނޫނެވެ. އެކަމަކު، ހުއްޓުވާ ބައެއް މިސައިލްތައް ވެއްޓެނީ ޖޯޑަންއަށެވެ. ސައިރަން އަޅަނީ އެހެންވެއެވެ. މީހުން ގެއަށް ވަންނަން އަންގާށެވެ. ބޭރުގައި ތިބުން ރައްކާތެރި ނޫން ވީމައެވެ. "އެ އިންޓަސެޕްޓްކުރާ އެއްޗެހި ވެއްޓެނީ މި ތަނަށް ކަމަށްވީމާ އެއީ ހަމަ ވަރަށް ނުރައްކާ ކަމެއް ކަމަށް މި ބަލަނީ. މި ތަނުން ވެސް އެ ގޮވަނީ ހަމަ ސައިރަން އެރީމާ އަވަހަށް ގޭތެރެއަށް ވަންނާށޭ. އޯޕަން ސްޕޭސްތަކުގައި ނުތިބޭށޭ،" އެ މީހާ ކިޔައިދިނެވެ. އެ މީހުން ޖޯޑަންއަށް ދަތުރުކުރި ނަމަވެސް ޓީމުތަކަކަށް ނާދެވުނެވެ. އެހެންވެ، މެޗުތައް ވެސް ކެންސަލްވެއްޖެއެވެ. ޖޯޑަންގައި މާ ބޮޑު ހަލަބޮލިކަމެއް ނެތެވެ. އެ މީހާ ކިޔައިދިން ގޮތުގައި ކެއިންބުއިމާ އެ ނޫން ވެސް ކަންކަމަށް ދަތިކަމެއް ނެތެވެ. އެ މީހުންގެ ކަންކަން އޮލިމްޕިކް ކޮމިޓީގެ ސެކެޓަރީ ޖެނެރަލް ތަމޫހް އަހުމަދު ސައީދު ވަރަށް ގާތުން ބެއްލެވިއެވެ. އެ ބޭފުޅުންގެ ބަހުން ނަމަ "ބަޔަކު ބޭރަށް ގޮސްގެން ކަމެއް ވެގެން، އެ ބޭފުޅާ ހުރިއްޔާ އެއްވެސް ވަރަކަށް ހާހެއް ނުވާނެ،"އެވެ. https://sun.mv/207381 އެ މީހުން އަތުން ޓިކެޓަށް ޚަރަދުކުރަން ޖެހުނު ފައިސާ ވެސް ހޯދައިދިނެވެ. އެ ފައިސާ މިއަދު ޖަމާ ވެސް ކޮށްދީފިއެވެ. "ރަށު ތެރޭގައި ހަލަބޮލިވެ އެހެންނެއް ނޫން އެއްގޮތަކަށް ވެސް. ވާގޮތަކީ އިންޓަސެޕްޓްކުރާ ޑްރޯންތަކާ އެއްޗެހި ވެއްޓޭނީ ކޮން ތަނަކަށް ކަމެއް އެއްވެސް މީހަކަށް ނޭނގޭ،" ކަންބޮޑުވެފައި ހުރެ ބެލެނިވެރިޔާ ކިޔައިދިނެވެ. "ސަލާމަތުން މާލެއާ ހަމައަށް ދެވޭނެތޯ ދުއާކޮށްދީ،" އީރާނުން އިޒްރޭލަށް ހަމަލާ ދެނީ ބާރުގަދަ ހައިޕަސޮނިކް މިސައިލްތަކުންނެވެ. ދެ ގައުމުން ސުލްހަވުމުގެ ކޮޅުމައްޗެއް ނުފެނެއެވެ. ދެ ގައުމުން އަންނަނީ ހުއްޓައިނުލާ ހަމަލާތައް ބަދަލުކުރަމުންނެވެ. ދެ ގައުމުން ވެސް އެތައް ބަޔަކު މަރުވެއްޖެއެވެ. މި ދިވެހީން ތިބީ އެ ބިރުވެރިކަމުގެ މެދުގައި ޖޯޑަންގައި ތާށިވެފައެވެ. އެ މީހުން ބޭނުމީ ހަމަ އެންމެ ކަމެކެވެ. އެނބުރި ރާއްޖެ އަންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ