މިދިއަ ހުކުރުދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފޭސްއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުމުން އެތައް ބަޔަކު އެއްވި އެވެ. މިއީ ޕީއެންއެފްގެ ހަރުގެ ޖަލްސާއިން ބޭރަށް މި ފަހުން އެމަނިކުފާނު ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ބައެއް މީހުން ހީވެސް ނުކުރާ ވަރަށް މީހުން އެއްވި އެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އެމަނިކުފާނުގެ ވެރިކަމުގައި ދެއްކެވި 'ޒުވާނުންގެ ސިޓީ' އެވެ. ރާއްޖޭގައި އޭގެ ކުރިން ހިންގާފައި ނެތް ވަރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު 'ހިޔާ' ފްލެޓްތަަކަކީ ވެސް އެމަނިކުފާނުގެ ވެރިކަމުގެ އެއް ރަމްޒެވެ.
ޔާމީނަކީ ބޭރަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ އާންމުކޮށް ބައްދަލުކުރައްވާ ބޭފުޅެއް ނޫނެވެ. ހުކުރު ދުވަހުގެ ރޭގެ ހާއްސަ 'ބާބެކިޔު' އެއްވުން ފެނުނީ އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން ތިއްބެވި ކުރީގެ ސިޔާސީ 'އެކުވެރިންނަށް' އިންޒާރެއްގެ ގޮތަށް ފެންނަނީ ވެސް އެހެންވެ އެވެ. އެހެންކަމުން މިހާރު ވެރިކަމުގައި އޮތް، ޕީޕީއެމްގެ ބަނޑުން ވިހޭ، ޕީއެންސީގެ ހަރަކާތްތައް ވެސް ކޮންމެވެސް ވަރަކަށް ފެށުން މުހިންމު ވެއްޖެ ކަމަށް ފެނުނެވެ.
ރޭ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޕީއެންސީގެ ހަރުގޭގައި ޖަލްސާއެއް ބޭއްވި އެވެ. ރައީސް މުހައްމަދު މުއިއްޒު ވަޑައިނުގަތަސް ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ތިއްބެވި އެވެ. އިސް ބައެއް ބޭފުޅުން ވާހަކަ ވެސް ދެއްކެވި އެވެ. އޭގެ ތެރެއިން އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސަލީމް ވަނީ، ކުރީގެ ހުރިހާ ވެރިންނަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒުގެ ކުޅަދާނަކަމަށް ތައުރީފް ކުރައްވައިފަ އެވެ.
ސަލީމްގެ ވާހަކަ ބިނާކުރެއްވީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރަން މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެ ކުރިމަތިކުރުވާ ފާޑުކިޔުންތަކަށެވެ. އެ ފާޑުކިޔުންތައް ކޮންމެ ހަފުތާއަކު ހެން އަންނަނީ ޔާމީންގެ ފަރާތްޕުޅުންނެވެ.
ސަލީމް ވިދާޅުވި ގޮތުގައި މި ސަރުކާރަށް 'ދެމިނުގަނެވިގެން އުޅޭ' ހުރިހާ ވެސް ސަބަބަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތަކާ ހެދި ދައްކަން ޖެހޭ ދަރަނި ބޮޑުވުމެވެ.
"މި ހިސާބުން އަޅުގަނޑުމެންނަށް ވެސް އެބަ އޮތޭ ފައިސާ ޗާޕުކޮށްފައި، ބޭރުން ބޭނުން ވަރަކަށް ލޯނު ގެނެސްފައި، މިތާ ހުރި ހުރިހާ ރަށްތަކެއް ނުއަގުގައި ވިއްކާލާފައި ފައިސާ ހޯދޭނެ ގޮތްތައް. ނޭނގިގެނެއް ނޫނޭ މިއުޅެނީ. ފައިސާ ހޯދޭނެ ގޮތް އެބަ އިނގެޔޭ ބައިވަރު،" ސަލީމް ވިދާޅުވި އެވެ.
"އެކަމަކު އެ ގޮތަށް ފައިސާ ހޯދީމާ ނަތީޖާއަކީ ކޮބައިތޯ މިއަދު. މިއަދު މި ހިސާބަށް އަންނަން ޖެހުނީ އެގޮތަށް ކަންތައް ކުރުމުގެ ނަތީޖާ."
ދައުލަތަށް ލިބޭ އެއްޗަކުން ފުއްދައިގެން މި ސަރުކާރުން އުޅުމަކީ ރައީސް މުއިއްޒުގެ ކުޅަދާނަކަމުގެ ހެއްކެއް ކަމަށް، ސަލީމް ވިދާޅުވި އެވެ.
މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ ޔާމީނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ނަމަވެސް އެ ޕާޓީގެ އަޑު މިހާރު ވަރަށް މަޑެވެ. ރިޔާސީ އިންތިހާބަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް އަދި އޮތަސް އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އުޅުއްވާ ބޭފުޅުން ގިނަވެ، ޕާޓީ އޮތީ އެތައް ބަޔަކަށް ބެހިފަ އެވެ.
މި ބައިބައިވުމުގެ ފައިދާ ނެންގެވިދާނެކަމުގެ އުއްމީދުގައި ހުންނެވީ އެމްޑީޕީ އުފެއްދުމުގެ ވެސް އެއް ބާނީ އަދި ކުރިން އެ ޕާޓީގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ކުރީގެ އާއިލީ އަދި ސިޔާސީ އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުފެދުނު ނަފުރަތާ އެކު އެމްޑީޕީ ދޫކުރައްވައި 2023ގައި ވަޑައިގެންނެވި ވަޑައިގެންނެވުން އަނެއް ކޮޅަށް ޖައްސަވަނީ އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން މި ފަހުން ނަޝީދު ފާޅުކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެމަނިކުފާނުގެ ފަހަތްޕުޅަށް އަރުއްވައިފިކަން، ނުވަތަ އެ މަގު ހިޔާރުކުރެއްވުން ކައިރިކަން އިއްޔެ ރެ އާއި އިއްޔެ އޮތް ބައްދަލުވުންތަކުން އެނގެ އެވެ. އިއްޔެ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ގައުމު އަނބުރާ ހަމަ މަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން" ކަމަށެވެ.
ސޯލިހު ދޫކުރައްވައި ނަޝީދުގެ އަރިއަހަށް ފައްޔާޒު ވަޑައިގަތުމަކީ ސޯލިހުގެ ސަޕޯޓަރުންނަށް އޮތް އިންޒާރެކެވެ. އެ ސަޕޯޓަރުން އެކަން ބަލައިގަންނާނެ ކަމަށް ނުފެނެ އެވެ. ސޯލިހަށް ރިޔާާސީ އިންތިހާބު ގެއްލިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް އޭރު އެމްޑީޕީގެ މީހުން ގަބޫލުކުރީ ނަޝީދު ކަމަށެވެ. ޕާޓީ ބައިބައި ނުކުރި ނަމަ ފުރަތަމަ ބުރުން ސޯލިހަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް، އެ ސަޕޯޓަރުން މިހާރު ވެސް ގަބޫލުކުރެ އެވެ.
ހަފުތާއެއްގެ ތެރޭގައި މި ފެނުނީ ރާއްޖޭގެ ސިޔާސީ އޮއިވަރުގެ ބޮޑު ބަދަލެއްގެ ފެށުމެވެ. ޔާމީނަށް އަދިވެސް ސަޕޯޓް އޮތްކަން ސާބިތުކޮށްދެއްވައިފި އެވެ. ސަރުކާރު އޮތަސް ޕީއެންސީގެ ހަރަކާތެއް ނެތް ނަމަ މަރުގެ އެތިފަހަރެއް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ އެވެ. އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކުގައި އިތުރު ކަފިތަކެއް ފަޅަމުންދާ ކަން ވެސް މިއޮތީ ފެންނާށެވެ.
ހަފުތާއެއްގެ ތެރޭގައި ސިޔާސީ ތަފާތު ތިން މަންޒަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ