އުމަރު ވަކިކުރި މައްސަލަ ޕާޓީގެ ތެރެއިން ހައްލުކުރަން އުޅުމަށް ފަހު ކޯޓަށް ހުށަހެޅުމަށް ޑީއާރުޕީން އެދެފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރުކަމުން، އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވަކިކޮށްފައިވާ މައްސަލައިގައި، އެންމެ ފުރަތަމަ ޕާޓީގެ ތެރެއިން އެ މައްސަލަ ހައްލުކުރަން އުޅުމަށް ފަހު، ހައްލުނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް އުމަރު ނަސީރުގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޑީއާރުޕީގެ ވަކީލު ހުސުނުއް ސުއޫދު ސިވިލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ޕާޓީން ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އުމަރު ހުށަހަޅުއްވާފައިވާ ދައުވާ އަށް ޑީއާރުޕީގެ ފަރާތުން ޖަވާބުދާރީވަމުން ސުއޫދު ވިދާޅުވީ ސުލޫކީ މައްސަލަތަކަކާ ގުޅިގެން އުމަރާ މެދު ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ ކަމަށެވެ. ސުއޫދު ވިދާޅުވީ މެމްބަރަކާ މެދު ޕާޓީން އަޅާ ފިޔަވަޅަކާ ގުޅިގެން ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ފުރުސަތު އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާ އިން ކޮންމެ މެމްބަރަކަށް ވެސް ލިބިދީފައިވާ ކަމަށެވެ. އަދި އެ ފަދަ ނިންމުމެއް ނިންމާތާ 14 ދުވަސް ތެރޭގައި އިސްތިއުނާފުކުރުމަށް އިސްތިއުނާފު ކޮމެޓީ އަށް ހުށަހަޅަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް ސޫއުދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އުމަރު، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށާއި ގަވާއިދަކުން ނުވަތަ ގާނޫނަކުން މީހަކާ މެދު އަޅާ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ ފުރަތަމަ އެ މީހަކު އެ ގަވާއިދަކާއި އެ ގާނޫނަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބަލަންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ އިސްތިއުނާފު ކޮމެޓީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޕާޓީން ނިންމުމެއް ނިންމާތާ 14 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ގަބޫލުކުރެވޭ ފަދަ އުޒުރެއް ބަޔާންކޮށް އެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ ފުރުސަތު އޭގެ ފަހުން ވެސް ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެފަދަ އުޒުރެއް ބަޔާންކޮށް އިސްތިއުނާފު ކޮމެޓީ އަށް އެ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އުމަރަށް އެބަ އޮތް ކަމަށާއި ޕާޓީގެ އެތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތައް ހައްލުކުރަންވާނީ ޕާޓީގެ އެތެރޭގައި ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ޕާޓީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދި ޕާޓީން މެމްބަރުން ވަކިވެފައިވާ ކަމަށް ފާހަގަކޮށް ސުއޫދު ވަނީ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ސުއޫދަށް ރައްދު ދެއްވަމުން އުމަރުގެ ވަކީލު މުހައްމަދު އިބްރާހީމް ވިދާޅުވީ ޖަވާބު ދީފައިވަނީ ދައުވާގެ އެއްބަޔަށް ކަމަށާއި އެއީ އާންމު މެމްބަރަކާ މެދު ޕާޓީން އަމަލުކުރާނެ ގޮތް ކަމަށެވެ. އަދި އުމަރަކީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ކަމަށް ފާހަގަކޮށް މުހައްމަދު ވިދާޅުވީ ޑެޕިއުޓީ ލީޑަރަކު ޕާޓިން ވަކިކުރެވޭނެ އުސޫލު އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގާޒީ އަލީ ރަޝީދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ސިވިލް ކޯޓުގެ ރިސެސްގެ ތެރޭގައި ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ