ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅުމުން: ގާސިމް

ގައުމު ހަމަ މަގަށް އެޅުވޭނީ ޖޭޕީ އާއި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ހޮވުމަށް ފަހު، ޕާޓީ ބަދަލު ކުރެއްވި މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފް ކުރަން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ގާނޫނުއަސާސީ އޮންނަނީ "އެންމެ މީހަކު ވެރިކަން ކުރާ" ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ހަމަހަމަކަމާޢި އިންސާފުވެރިކަމާއެކު ބާރުތައް ބަހާލެވިފައި އޮންނައިރު، ކަން ހިނގަމުން ދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، ގައުމުގެ ސަލާމަތާއި އަމާންކަން ދަމަހައްޓައި، ހައްގުތައް އަލުން އިއާދަ ކުރަން ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަލުން ޕާޓީތަކަށް ރުޖޫއަވުމަށް ގާސިމް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވިޔަސް، ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެ ވާހަކަ ބުނީމާ ހިތްހަމަނުޖެހިގެން ދާ މީހާ އިސްތިއުފާ ދޭން ވީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، މިހާރުގެ މަޖިލީހަށް ޖޭޕީގެ ޓިކެޓްގައި 15 މެންބަރުން ހޮވިވަޑައިގެންނެވިއިރު، ޖޭޕީގެ އެހީތެރިކަމާއެކު އަމިއްލަ ގޮތުން ވެސް މެންބަރަކު ހޮވިވަޑައިގެންނެވި ކަމަށެވެ. އެއީ ގާސިމް ވިދާޅުވި ގޮތުގައި މިހާރު ޕީޕީއެމްގައި ހުންނެވި މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ.
"ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެން ޕާޓީން ދިޔަ އަށް މެމްބަރުންނާއި އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީން ވަކިވި މެމްބަރުން އަލުން ގުޅުނީމަ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ އޮޓޮމެޓިކްކޮށް،" ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެ ފިޔަވަޅަކީ ކަތި ނޫނީ ގޯސް ފިޔަވަޅެއް ކަމުގައިވާނަމަ، އެކަން ރަނގަޅު ކުރައްވާ،"
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ދެކެވެމުން އަންނަނީ އިންސާފު ނުލިބުމުގެ ވާހަކަ އެވެ. ބޮޑެތި އަދަދުތަކުން ޕްރޮޖެކްޓްތައް ހިންގާއިރު، މިއިން ކޮންމެ ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން ދައުލަތުގެ ބަޖެޓުގައި ޖަހަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ވެރިއެއްގެ ކިބައިގައި އަދުލުވެރިވުމާއި އިހްސާންތެރިވުމުގެ ރިވެތި ސިފަ ހުންނަން ޖެހޭއިރު، އިހްސާންތެރިވުމުގެ ބަދަލުގައި "އަޅުގަނޑުމެންގެ ގައިގައި ކޮޅު ފައިން ޖަހާފައިވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިހްސާންތެރިވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ގައިގައި ކޮޅުފައިން ޖެހީ، ގާނޫނާއި ހިލާފަށާއި އެއްބަސްވުންތަކާ ހިލާފަށް ކަންތައްތައް ކުރަން އުޅުނީމަ، ވަކި މީހަކަށް އަނިޔާ ދޭން އުޅުނީމަ އެއީ އެއްގޮތަކަށް ވެސް އުސޫލުތަކާ ދެކޮޅު ހެދުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކިތަންމެ ފައިސާއަކާއި ބާރެއް އެއްކޮށް، ކިތަންމެ މުއައްސަސާއެއް ބަނޑުދޮށުލައިގެން އުޅުނަސް ހިނދުކޮޅެއްގައި ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
"ކިހިނެއްތޯވީ ހިޓްލަރަށް؟ ހާމާނާއި ފިރުއައުނުގެ ދަށަށް ތިބި މީހުންނަށް ކިހިނެއްވީތޯ؟ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިޔައީ، އެހެންވީމަ އޭގެން މިސާލު ނަންގަވާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ކުރެއްވި އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ނުލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ޖަލު ހުކުމެއްގައި ހުންނަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް ޔާމީނަށް ސަލާން ޖަހައި މިގޮތަށް ކަންކަން ނުކުރުމަށް އެދިވަޑައިގެންނެވި، ދިގު މެސެޖް ކުރެއްވިން، އެކަމަކު ގަބޫލުފުޅެއް ނުކުރައްވާ،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން 94 ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އޭގެ ތެރެއިން 12 ޕަސަންޓު ކެންޑިޑޭޓުންނަކީ އަންހެނުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްދެއްވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ