އަބްދުﷲ ކަމާލުއްދީންގެ "ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" އަށް އީސީން ހުއްދަ ދީފި

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އުފައްދަވަން އުޅުއްވާ "ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ މއ. އާނުވެލި އަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ކަމަށެވެ.
އީސީ އިން ކަމާލުއްދީން އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ކަމާލުއްދީން އަށް ހުއްދަ ދީފައިވާ ކަމަށެވެ.
މީގެ ކުރިން އީސީ އިން ވަނީ ކަމާލުއްދީން ހުށަހެޅުއްވި ފޯމު ބާތިލުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން ކަމާލުއްދީންގެ ފޯމު ބާތިލުކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް އެފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ކަމާލުއްދީން ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކިކުރެވިގެން ދިޔަ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަަށާއި އިސްލާމްދީނަށް ނަސްރުދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރިކުރުވުމާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށެވެ.
"ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ