ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިނިސްޓަރ އިމްރާން ކޮވިޑަށް ޕޮޒިޓިވްވީ، ބަލީގެ އަލާމަތްތައް ފެނިގެން މިމަހުގެ 28 ވަނަ ދުވަހު ޓެސްޓް ކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މިނިސްޓަރ އިމްރާން ހުންނެވީ ވެކްސިންގެ ދެޑޯޒްވެސް ފުރިހަމަ ކުރައްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޕޮޒިޓިވްވި ނަމަވެސް، މިނިސްޓަރގެ ހާލުކޮޅު ރަނގަޅު ކަމަށާއި، މިވަގުތު މިނިސްޓަރ ހުންނެވީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ސާލިހްގެ ކެބިނެޓުން ކޮވިޑަށް ޕޮޒިޓިވްވި ބޭފުޅުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވާއިރު، މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އަށްވުރެ ދަށުގައި ހުންނަތާ މިހާރުއަށް ދުވަސް ވެއްޖެއެވެ.
ކޮވިޑް ޖެހިގެން މާލޭ ސަރަހައްދުގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ ދެމީހުންނަށެވެ.
ރާއްޖެއިން މިހާތަނަށް 74،429 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ