ދުވާފަރުގައި އިމާރާތްކުރި ސްކޫލް އިމާރާތާއި ކޮމިއުނިޓީ ބިލްޑިން ސަރުކާރާ ހަވާލުކޮށްފި

ރ. ދުވާފަރުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ކްރެސެންޓް(އައިއެފްއާރުސީ) އިން އިމާރާތްކޮށްފައިވާ ސްކޫލް އިމާރާތާއި ކޮމިއުނިޓީ ބިލްޑިން ސަރުކާރާ އިއްޔެ ހަވާލުކޮށްފި އެވެ.
ސުނާމީގައި ގެދޮރު ގެއްލުނު އެ އަތޮޅު ކަނދޮޅުދޫ މީހުން އާބާދުކުރުމަށް އަލަށް ތަރައްގީކުރާ ރަށުގައި ހެދި އިމާރާތްތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދެވެ.
އައިއެފްއާރުސީން ބުނީ ދުވާފަރު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިއަން ބެން އަމިން ޖޮއިންޓްވެންޗަރާ ހަވާލުކޮށްގެން އިމާރާތްކުރި 21 ކްލާސް ރޫމް ހިމެނޭ ޕްރައިމަރީ ސްކޫލާއި ޕްރީ ސްކޫލް އަދި ކޮމިއުނިޓީ ބިލްޑިންގެ މަސައްކަތަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ދުވާފަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި އައިއެފްއާރުސީން ވަނީ 600 ގެއާއި މިސްކިތަކާއި ޕްރީ ސްކޫލަކާއި ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލަކާއި ކޮމިއުނިޓީ ބިލްޑިންގަކާއި ހެލްތު ސެންޓަރެއް އިމާރާތްކޮށްފަ އެވެ. އެ ރަށުގައި ހިންގި މަޝްރޫއަށް އެ ޖަމާއަތުން 30 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ