ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލައިގައި ގާނޫނީ ވަކީލުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ދައުވާކުރާ ވަކީލުންގެ ތެރެއިން ހަސަން ފިޔާޒްގެ ފަރާތުން ވަކާލާތުކުރައްވާ އިސްމާއިލް ވިޝާމް މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ޖޭއެސްސީން ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ކަނޑައަޅާފައިވާ އުސޫލު ރަނގަޅު ނޫން ކަމަށެވެ. އަދި މާކްސް ދިނުމުގައި ވަކީލުންނަށް 20 މާކްސް ދޭއިރު ޝަރުއީ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކަށް 30 މާކްސް ދިނުމަކީ ހަމަހަމަކަމުގެ އުސޫލާއި ހިލާފް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ފަނޑިޔާރުކަމަށް ކުރިމަތިލި ފަރާތްތައް ޝޯޓް ލިސްޓް ކުރުމުގައި ޖޭއެސްސީގެ ބައެއް މެމްބަރުން އެ ބޭފުޅުންގެ މަސްލަހަތު އޮތް ކަންކަމުގައި ވޯޓު ދެއްވާފައިވާ ކަމަށެވެ. އަދި އެކަން އެނގި ހުރެ އެކަމުން އެ ބޭފުޅުން ތަނާޒުލްވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ވިޝާމް ވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ކުއްލިއްޔާގެ އިތުރުން މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީގެ ޓްރާންސްކްރިޕްޓްތަކެއް ޝަރީއަތަށް ހުށަހަޅުއްވަން މަސައްކަތްކުރައްވާފަ އެވެ، ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ފުރުސަތު ނުދެއްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ޖޭއެސްސީ އަށް ފަހު ފުރުސަތު ދެއްވުމުން ޖޭއެސްސީގެ ވަކީލް ޒޫނާ މުހައްމަދު ވިދާޅުވީ މި މައްސަލައިގަ ޖޭއެސްސީން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި މައްސަލަ ވީހާ ވެސް އަވަހަށް ނިންމައިދިނުމަށް އެދޭ ކަމަށެވެ.
އަޑުއެހުން ނިންމަވާލައްވަމުން ހައި ކޯޓުގެ ބެންޗުން ވިދާޅުވީ މައްސަލައިގެ އަޑުއެހުން ނިމުނީ ކަމަށާއި މި އަންނަ ހަފްތާގައި މައްސަލަ ނިންމޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.
ޖޭއެސްސީގެ މައްޗަށް ދައުވާކުރަނީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލައިގަ ޖޭއެސްސީން މާކްސް ދިނުމުގައި އަމަލުކުރާ އުސޫލަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުން އެދި އެވެ.
ޖޭއެސްސީއާ ދެކޮޅަށް ވަކީލުންކުރާ ދައުވާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ