އިނގިލީގައި ފާހަގަ ޖެހުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޭނުން ކުރި މާކަރު ދެލި ފުހެވުނު ކަމުގެ ޝަކުވާ ލިބިފައި ވާތީ އިންތިހާބުގެ ދެ ވަނަ ބުރުގައި ފާހަގަ ޖެހުމަށް ދެލިފުޅިއެއްގެ ތެރެއަށް އިނގިލި ކޮއްޕާ ގޮތަށް ހަމަޖައްސައި އެފަދަ ދެލި ގެނައުމަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) މިއަދު ވިދާޅުވީ އެފަދަ ދެލި ފުޅި އިންޑިއާ އިން ގެނެސް ޓެސްޓްކުރަމުން މިހާރު ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރި ޓެސްޓްތަކުން (އެ) ދެލި ނުފޮހެވޭ. އެ ޓެސްޓްތަކަށް ފަހު ދެލި ފުޅި ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ ގެނެވޭވަރު ވާނެ،" އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޭނުން ކުރި މާކަރު ދެލި ފޮހެލާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ބުރުގައި އިނގިލީގައި ފާހަގަ ޖެހުމަށް ގެނައި މާކަރަކީ އިންތިހާބުތަކުގައި ބޭނުން ކުރުމަށް އިނގިރޭސިވިލާތުގައި އުފައްދާފައިވާ ހާއްސަ މާކަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބު އިނގިލީގައި ޖަހާ ފާހަގަ ފުހެވޭތީ ދެލިފުޅިއެއްގެ ތެރެއަށް އިނގިލި ކޮއްޕާ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ