ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ހަމަޖައްސައިފި

ރާއްޖޭގައި ކުޅިވަރުގެ ރޮނގުން ދޭ އެންމެ ބޮޑު އިނާމު ކަމަށްވާ "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ހަމަޖައްސައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރުން މިދިއަ ހުކުރު ވިލޭރޭ ހޮލިޑޭ އިންގައި ބާއްވައިފި އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހު ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ގައުމީ ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިފެވެ. ހަވީރުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން އެޑިޓަރު މޫސާ ލަތީފެވެ.
ރަސްމިއްޔާތުގައި ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ ޓީވީއެމް އާއި ހަވީރާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެކި ކަންކަމުގައި ޓީވީއެމުން ދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އާސިފް ވިދާޅުވީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ވީ އިރު، އެވޯޑްސްގެ ތާރީހުގައި މިހާތަނަށް ވެސް ޓީވީއެމް އިން ވަރަށް ބޮޑު އެހީތެރިކަމެއް ހަވީރަށް ދީފައިވާނެ ކަމަށެވެ. އެގޮތުން ހަވީރު ސްޕޯޓްސް އެވޯޑްސް ލައިވްކުރުމުގެ ކަންތައްތަކުގައި އަމަލީ ގޮތުން މިދިއަ ފަސް އަހަރު ޓީވީއެމް އިން ބައިވެރިވެފައިވާކަން އާސިފް ފާހަގަކުރެއްވި އެވެ.
މޫސާ ލަތީފުގެ ވާހަކާގައި ހަވީރު ސްޕޯޓްސް އެވޯޑްސް ކާމިޔާބު އެއްޗެއްގެ ގޮތުގައި ދެމިހުރުމަށް ޓީވީއެމުން ވަރަށް ބޮޑު އެހީތެރިކަމެއް މިދިއަ އަހަރުތަކުގައި ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. ހަވީރުން އެދުނު ކޮންމެ ކަމެއްގައި ޓީވީއެމްގެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިޖުތިމާއީ ކަމެއްގެ ގޮތުގައި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުން ކަމަށްވާ ސިމްޑީ އާއި ދިރާގާއި މޯލްޑިވިއަން ފަދަ ކުންފުނިތަކުން އެވޯޑް ސްޕޮންސަކޮށްފައި ވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކަމަށާއި އެ ކުންފުނިތަކުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމަށް ވެސް މޫސާ ލަތީފު ވިދާޅުވި އެވެ. ހަމައެހެން އެސޯސިއޭޓް ސްޕޮންސަރުން ކަމަށްވާ ސޮނީ ސްޕޯޓްސް އާއި ހެޕީ މާކެޓް އަދި ޔޫރޯ މާކެޓުން އަހަރު ދުވަހަށް ކުޅުންތެރިންނަށް ބޭނުންވާ ތަފާތު އެއްޗެހި ފޯރުކޮށްދިނުމަކީ ވެސް، އިޖުތިމާއީ ކަންކަމުގައި އެކުންފުނިތަކުގެ ދައުރު ދައްކައިދޭ ކަމެއްކަން މޫސަ ފާހަގަކުރެއްވި އެވެ.
ޓީވީއެމް އާއި ހަވީރާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހު ހަވީރު ސްޕޯޓްސް އެވޯޑްސް އަށް ވަރަށް ބޮޑު ކަވަރޭޖެއް ގައުމީ ޓީވީގެ ފަރާތުން ލިބޭނެ އެވެ. އަދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ފެށެންވާ އިރަށް، އެވޯޑަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެވޯޑާ ގުޅޭ އެހެން ކަމަށް ހާއްސަކޮށްގެން ވަކި ޕްރޮގްރާމްތަކެއް ވެސް ގެނެސްދޭނެ އެވެ.
ހަވީރުން ސްޕޯޓްސް އެވޯޑްގެ ފެށުމަކީ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް 1994 ވަނަ އަހަރު ދޭން ފެށި ހަވީރު ރަން ބޫޓެވެ. އޭގެ ފަހުން 1995 ވަނަ އަހަރު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ތައާރަފްކޮށް އޭގެ ފަހުން އިތުރު ކުޅިވަރުތަކާއި މަގާމުތައް ތަފާތު އެތަށް ފަހަރެއްގެ މަތިން ތައާރަފްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ