ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ މީޑިއާތަކުން ވަގުތު ހޯއްދަވައިގެން މި ދަނޑިވަޅުގައި ޕީޕީއެމަށް ބަހުގެ ހަމަލާތައް ދެއްވަނީ، ދީނުގެ ހިމާޔަތަށް ގޮވާލައި ބާއްވާ މުޒާހަރާ ފަނޑުކޮށް، ފެއިލްކޮށްލުމަށް ކަމަށް ތުހުމަތުކުރައްވައި އެ ޕާޓީގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އުމަރު ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ޕާޓީތަކުންނާއި ޖަމިއްޔާތަކުން މުޒާހަރާ އަށް ތައްޔާރުވަމުން އަންނަ އިރު ތަސްމީނާއި ޑީއާރްޕީން ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީން އަންނަނީ އެމްޑީޕީ އަށް ފައިދާވާގޮތަށް ޕީޕީއެމަށް ބަހުގެ ހަމަލާ ދެއްވަމުން ކަމަށެވެ. އެއީ ޕީޕީއެމް މެމްބަރުން ރުޅިއަރުވާލައި، ބޮޑު މުޒާހަރާ އަށް މީހުން ދިޔަ ނުދިނުމަށް ރޭވުމެއްގެ ދަށުން ތަސްމީން ކުރައްވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި އުމަރު ތުހުމަތުކުރައްވާފައިވެ އެވެ.
"އެމްޑީޕީ ސަރުކާރުގެ އަމަލުތަކުން ދިވެހި ރައްޔިތުން މާޔޫސްވެ ނާއުއްމީދުން ފުރިގެން ދިޔަ މި ދަނޑިވަޅުގައި ރައްޔިތުންނަށް އުއްމީދުގެ އަލިކަމެއް ގެނުވި 23 ވަނަ ދުވަހުގެ ބޮޑު މުޒާހަރާ އަށް ހުރިހާ ޖަމިއްޔާތައް އެކަތިގަނޑަކަށްވެ އަތުގުޅާލެވިފައިވާ މުހިއްމު ވަގުތުގައި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ އިސްވެ ހުންނަވައިގެން މީޑިއާގައި ޕީޕީއެމާ ދެކޮޅަށް ބަހުގެ ހަމަލަތައް ދެއްވަމުން ގެންދަވާ ނިޔަތާ މެދު ސުވާލު އުފެދެ އެވެ،" އުމަރު ވިދާޅުވި އެވެ.
އެހެންކަމުން މުޒާހަރާ ފަނޑުކޮށްލުމަށް ރާވާ "ނުބައި ރޭވުންތަކުން" ސަލާމަތްވެ ތިބުމަށް ޕީޕީއެމާއި އެހެން ޕާޓީތަކަށް ވެސް އުމަރު އެ ބަޔާނުގައި ގޮވާލައްވާފައިވެ އެވެ. އަދި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެން، އަސާސެއް ނެތް ދޮގު ވާހަކަތަކާއި ޕްރޮޕަގެންޑާ ނުފަތުރައި މުޒާހަރާ އަށް އިސްކަން ދިނުމަށް އެ ބަޔާނުގައި ޑީއާރްޕީ އަށް ވެސް ގޮވާލާފައިވެ އެވެ.
ޕީޕީއެމަށް ތަސްމީން ހަމަލާދެއްވަނީ މުޒާހަރާ ފެއިލްކޮށްލަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ