ކާޑެއްދޫގެ ހަމަނުޖެހުން: ހަމަނުޖެހުންގަނޑުގެ ތެރޭގައި މައުމޫން ވިލިނގިއްޔަށް ފުރާވަޑައިގެންފި

30: 2- ޑީއާރުޕީގެ ސަޕޯޓަރުންނާއި ފުލުހުން ނުކުމެ މަގު "ސާފު"ކޮށްލުމާ އެކު މައުމޫނާއި ޑީއާރުޕީގެ ވަފުދު ދާދި ދެންމެއަކު ގއ. ވިލިނގިއްޔަށް ފުރާވަޑައިގެންފި އެވެ.
އެ ސަރަހައްދުގައި ހުރި ނޫސްވެރިއަކު ބުނީ މައުމޫން ފުރާވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގި ކަމަށާއި ބަޔަކު ޒަހަމް ވެސް ވި ކަމަށެވެ. އެ ޒަހަމްތަކުގެ ސަބަބުން ބައެއް މީހުންގެ ގައިން ލޭ ފެންނަން ވެސް ހުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި އެ ރަށުގައި މިއަދު މެންދުރު ކުރިން ފެށިގެން ހަމަނުޖެހުން އުފެދިގެން އުޅޭކަން ބައެއް އެހެން ރަށްރަށަށް އެނގިގެން ރަށްރަށުން ވެސް މީހުން އައި ކަމަށް ބައެއް މީހުން ބުނެ އެވެ.
ފުލުހުން ބުނީ، ކާޑެއްދޫގައި ހިނގައިދިޔަ "ސީރިއަސް" ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކާޑެއްދޫގައި ތިބި ބައެއް މީހުން ބުނަނީ ފުލުހުން ހަމަނުޖެހުން ކޮންޓްރޯލްކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
"އެއްފަހަރެއްގައި ފެނުނު ދެ ސަޕޯޓަރުންގެ ކުރިމަތީގައި އެތުރިލައިގެން ތިބިތަން،" އެކަކު ބުންޏެވެ.
10: 2- މިއަދު މެންދުރު ކުރިން ކާޑެއްދޫގައި ހިނގި ހަމަނުޖެހުން ހުކުރު ނަމާދަށް ކޮންޓްރޯލް ވެފައި ވަނިކޮށް، އަނެއްކާ ވެސް ހަމަނުޖެހުން ބޮޑުވެ ފުލުހުންގެ ކޮންޓްރޯލުން މީހުން ނެއްޓިއްޖެ އެވެ.
ހަމަނުޖެހުންގަނޑުގެ ތެރޭގައި ހުރި މީހަކު ބުނީ "މިއޮއް ތަޅާފޮޅަނީ" ކަމަށާއި "މާރާމާރީ ހިންގަނީ" ކަމަށެވެ. އޭނާ ބުނީ ޑީއާރުޕީގެ ޒައީމް އަދި ކުރީގެ މައުމޫން އެ ރަށުން ފުރާވަޑައިގަތަ ނުދިނުމަށް އެމްޑީޕީ ސަޕޯޓަރުން ހުރަސް އަޅަމުން ގެންދާއިރު ޑީއާރުޕީގެ ސަޕޯޓަރުން ތިބީ މައުމޫން ކޮންމެ ގޮތަކުން ވެސް އެމަނިކުފާނު ބޭނުންފުޅުވާ ރަށަކަށް ގެންދަން ތައްޔާރަށެވެ.
30: 12- ކާޑެއްދޫގައި ހިނގި ކުރިމަތިލުން ހުކުރު ނަމާދަށް ވަނީ ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް މައުމޫން ފުރިޔަ ނުދޭން ޖެޓީމަތީގައި އަދިވެސް އެމްޑީޕީ ސަޕޯޓަރުން އެބަތިއްބެވެ. އެތާނގައި ހުރި ނޫސްވެރިއަކު ބުނީ އެމްޑީޕީގެ ޕާލަމެންޓް ދެ މެމްބަރުން ކަމަށްވާ ނާޒިމާއި ގަސަމް އެ ތަނަށް ވަޑައިގަތީ ހަމަނުޖެހުން އުފެދުނު ފަހުން ކަމަށާއި އެހެން ނަމަވެސް އެ ދެބޭފުޅުން ވެސް ފަހުން އެ ހަމަނުޖެހުންތަކުގެ ތެރޭގައި އަމަލީ ގޮތުން އުޅުއްވިތަން ފެނިގެން ދިޔަ ކަމަށެވެ. އަދި ކުރިމަތިލުމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކާ މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ނޫސްވެރިޔާ ބުނެ އެވެ. އެހެން ނަމަވެސް މާ ބޮޑު ޒަހަމެއް އެކަކަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.
20: 12- ހުވަދު އަތޮޅުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މައުމޫނާ އެކު ހުވަދު އަތޮޅަށް ވަޑައިގެންނެވި ޑީއާރުޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ދެންމެ ވިދާޅުވީ އެއީ އެމްޑީޕީގެ ވިއްސަކަށް މީހުން ކުރި ކަމެއް ކަމެއް ކަމަށާއި މިހާރު އެ މީހުން މަސައްކަތް ކުރަނީ މައުމޫން އެ ރަށުން ގއ. ވިލިނގިއްޔަށް ފުރާ ވަޑައިގަތަ ނުދިނުމަށް ކަމަށެވެ.
"އެމްޑީޕީގެ މީހުން އެބަތިބި ޖެޓީ މަތީގައި... އެކަމަކު އެ މީހުން ކިހިނެއްތޯ އަޅުގަނޑުމެންނާ ކުރިމަތިލާނީ. ރައީސް މައުމޫނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް އައިސް އެބަތިބި އެތައް ސަތޭކަ ބަޔަކު. އަޅުގަނޑުމެން ހުކުރުން ފައިބައިގެން ދާނަން ވިލިނގިއްޔަށް. ހަމަ އެ ޖެޓީމަތިން ލައިގެން ދާނީ ވެސް،" އިލްހާމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރައީސް މައުމޫނަށް އެއްވެސް ހަމަލާއެއް ނައި ނަމަވެސް، ދިދަ ދަނޑިއަކުން ޖަހައި އުމަރު ނަސީރުގެ ބޯ ފަޅާލައިފައިވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައީސް މައުމޫން މިހާރު ހުންނެވީ އެއާޕޯޓްގެ ވީއައިޕީ ލައުންޖް ތެރޭގައި ކަމަށެވެ.
10: 12 - މައުމޫން ކާޑެއްދު އަށް ވަޑައިގަތީ ކެމްޕޭން ދަތުރަކަށް މިއަދު ހެނދުނު 30: 11 ހާއިރު ކަމަށާއި ހަމަ އެ ވަގުތުން ފެށިގެން އެއާޕޯޓް ސަރަހައްދުގައި އެމްޑީޕީގެ ބަޔަކު ޑީއާރުޕީގެ ބަޔަކާއި މައުމޫނާ ދިމާކޮށްލީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ބަހުގެ ހޫނު ހަމަލާތަކެއް އަދިވެސް ބަދަލުވަމުން ދާއިރު، އެކަން ކޮންޓްރޯލްކުރަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް، ހަމަނުޖެހުމުގެ ތެރޭގައި ހުރި ހޯޑެއްދޫ މީހަކު ބުންޏެވެ. "ހަވީރާ" ވާހަކަ ދެއްކި މީހުން ބުނީ އެމްޑީޕީ އެކްޓިވިސްޓުންނާ އެކު އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމާއި ތިނަދޫ ދާއިރާގެ މެމްބަރު މުހަންމަދު ގަސަމް ކަމަށެވެ. ވާހަކަ ދެއްކި އެކަކު ބުނީ ހަމަނުޖެހުން އުފެއްދީ އެމްޑީޕީ މީހުން ކަމަށާއި އެ މީހުންގެ ތެރެއިން ބަޔަކު ރައީސް މައުމޫންގެ ކާރުކޮޅު ފަހަތުން ވެސް ދުވި ކަމަށެވެ. އަދި ބުނީ، އެތާނގައި ތިބީ ވަރަށް މަދު ފުލުހުންތަކެއް ކަމަށެވެ.
ފުލުހުން ބުނަނީ ރައީސް މައުމޫނަށް އެއްވެސް ހަމަލާއެއް ކުރިމަތި ނުވާ ކަމަށާއި އެ ރަށުގައި އުފެދިގެން އުޅޭ މައްސަލަ ބަލަމުން އަންނަ ކަމަށާއި ހަމަނުޖެހުން ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
50: 11 - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ހެނދުނު ކާޑެއްދު އަށް ވަޑައިގަތުމާ އެކު އެ ރަށުގައި ޑީއާރުޕީ އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް އުފެދިއްޖެ އެވެ.
(އިތުރު ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ