ހެނބަދޫ ޖެޓީ ރައީސް ހުޅުވައިދެއްވައިފި

ނ ހެނބަދޫގެ އިރުމަތީ ފަރާތުގައި އަމިއްލަ ފަރާތަކުން ހަދައިދިން ޖެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.
މި ޖެޓީ ރައީސުލް ޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މިލަދުއްމަޑުލުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ހެނބަދޫއަށް ވަޑައިގެންނެވެ. އާބާދީގައި 700އެއްހާ މީހުން ދިރިއުޅެމުންދާ މި ރަށުގައި ހަދައިދީފައިވާ މި ޖެޓީއަކީ، ރަށަށް އަރާ ފޭބުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ހަދައިދިން ޖެޓީއެއްކަމަށް ރަށު ކައުންސިލުން ހާމަކުރެ އެވެ.
ގާތްގަނޑަކަށް 200 ފޫޓު ދިގުމިނުގެ މި ޖެޓީއާއި އެކު ފާޚާނާއަކާއި، އާންމުން ހިތްފަސޭހަކޮށް ލުމަށް މަޑުކޮށްލާ ގޮތަށް ފިނިއައްޓެއް ހެދުމުގެ އިތުރުން ކުޑަ ކުދިން ކުޅެ ހެދުމަށް ކުޑަ ކުދިންގެ ބަގީޗާއެއް ވަނީ ހަދާފަ އެވެ.
ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ މި ޖެޓީ ރައީސް ޑރ ވަހީދު ހުޅުއްވައިދެއްވާފައިވަނީ، ށ އަތޮޅުގެ ބައެއް ރަށް ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޖެޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އަހުމަދު އާސިމްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިންނާއި ކައުންސިލު އިދާރާއާއި ހެނބަދޫގައި ހުރި ސަރުކާރު އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖެޓީ ހުޅުއްވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހެނބަދޫ އިރުމަތީ ފަރާތު ޖެޓީ ސަރަހައްދުގައި ހަދާފައިވާ ހިތް ފަސޭހަ މައިދާނުގައި ކުރިއަށް ގެންދިޔަ ކުޑަ ކުދިންގެ ޘަގާފީ ހަރަކާތްތައް ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސް ޑރ ވަހީދު ވަނީ ހެނބަދޫ ރައްޔިތުންނާއި އެ ރަށު ސްކޫލުގައި ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ