ބިން ވިއްކާތީ ކުޅުދުއްފުށީ ރައްޔިތުން މުޒާހަރާކޮށްފި

16-10-2011 12:24 ބިން ވިއްކުމުގެ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ތިން ދުވަސް ތެެރޭ ލިޔުމުން ޖަވާބެއް ދޭނެ ކަމަށް ކައުންސިލުން ބުނުމުން މުޒާހަރާ ނިންމާލައިފި. 16-10-2011 11:57 އާއްމުން ނުރުހުން ފާޅުކުރާ އިރު ފުލުހުން ޝީލްޑާއި މުގުރު ހިފައިގެން ސަމާލުވެ--ފޮޓޯ: ކުޅުދުއްފުށި އޮންލައިން 16-10-2011 11:52 ހޮސްޕިޓަލަށް ގެންދިޔަ މީހުން ދޫކޮށްލައިފި. އެ މީހުން ގެންދިޔައީ ލޮލުން ދިލަ ނަގާތީ. ހަތަރު މީހަކު ގެންދިޔަ ކަމަށް ހޮސްޕިޓަލުން ބުނޭ. އެ މީހުންނަށް ވަގުތީ ފަރުވާ ދީފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނި. 16-10-2011 11:37 މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ވަނީ ހިނގާފައި. ނަމަވެސް އަދިވެސް ބައެއް މީހުން އެއްވެ އެބަތިބި. އެއް ބަޔަކު ތިބީ ކައުންސިލްގެ ޖަވާބެއްގެ އިންތިޒާރުގައި ކައުންސިލް އިދާރާ ތެރޭގައި. 16-10-2011 11:35 އެއްވުން ރޫޅާލަން ފުލުހުން ކަރުނަ ގޭސް ޖަހައިފި 16-10-2011 11:34 މުޒާހަރާ ތެރޭ އަނިޔާވެގެން އެކަކު ހޮސްޕިޓަލަށް ގެންގޮސްފި 16-10-2011 11:29 ކައުންސިލް އިދާރާ ދޮށުގައި ނުރުހުން ފާޅުކުރާ އިރު ރަޔަޓް ފުލުހުން ސަމާލުވެގެން 16-10-2011 11:22 ބިން ވިއްކުމާ ދެކޮޅަށް ކައުންސިލް އިދާރާ ދޮށަށް އެއްވެފައި ކުޅުދުއްފުށީގައި އަލަށް ހިއްކި ބިން ވިއްކުމާ ދެކޮޅަށް އެރަށުގެ ބަޔަކު ކައުންސިލް އިދާރާގެ ދޮރުމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ. މުޒާހަރާގައި އިސްކޮށް އުޅުނު ރަޝާދު ހަސަން ބުނީ ހިތްހަމަނުޖެހުން ފާޅުކުރީ އެ ރަށުގެ ހިއްކި ބިމުން ބޮޑު ބައެއް ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދީ، އެ ކޯޕަރޭޝަންގެ ނަމުގައި އެ ބިން ރަޖިސްޓްރީކުރަން އުޅޭތީ އާއި އެތަނުން ބީލަމުގެ އުސޫލުން ގޯތި ވިއްކަން އުޅޭތީ ކަމަށެވެ. "އެހެންވެ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މިއަދު ހެނދުނުން ފެށިގެން އަޅުގަނޑުމެން މިތަނުގައި މިތިބީ. މިއީ ވަކި ޕާޓީއެއްގެ ކަމެއް ނޫން. ރަށުގެ ގިނަ ބަޔަކު ބިން ވިއްކުމާ ދެކޮޅު. މިތަނުގައި 250 އަށް ވުރެ ގިނަ މީހުން އެބަތިބި،" މުޒާހަރާކުރަމުން ދިޔަ ސަރަހައްދުގައި ހުރެ، ރަޝާދު ފޯނުން ބުންޏެވެ. ނޫހުގައި ނަން ނުޖެހުމަށް އެދި ކުޅުދުއްފުށީ އެހެން މީހަކު ބުނީ އެރަށުގެ އެތައް ސަތޭކަ ބަޔަކަށް ގޯތި ނުލިބި ތިއްބައި، ބޮޑު އަގުގައި ގޯތި ވިއްކުމަކީ އިންސާފެއް ނޫން ކަމަށާއި މުޒާހަރާކުރަން ޖެހުނީ އެހެންވެ ކަމަށެވެ. "މިކަން ވަކި ކޮޅެއްގައި ޖެހެން ދެން އަޅުގަނޑުމެން މިކަން ކުރާނަން،" އޭނާ ބުންޏެވެ. ރަޝާދު ބުނީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖެހިކަމަށާއި ބައެއް މީހުން ހައްޔަރު ވެސް ކުރި ކަމަށެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުން، ހިނގި ހަމަނުޖެހުމުގައި ރަށުގެ ބައެއް މީހުންނަށް އަނިޔާވި ކަމަށް ވެސް އޭނާ ބުންޏެވެ. "އަނިޔާވެގެން ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންދިޔަ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ އަށް ވަނީ އަނިޔާކޮށްފައި ކަމަށް ގަބޫލްކުރެވޭ. އޭނާ އަތުން ރަނގަޅަށް ހަރަކާތެއް ނުކުރެވޭ. އެހެންވެ އޭނާ އޮތީ ހޮސްޕިޓަލްގައި،" ރަޝާދު ބުންޏެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މުޒާހަރާގެ ހަތަރު ވަރަކަށް ބައިވެރިން ހޮސްޕިޓަލަށް ގެނައި ކަމަށާއި އެމީހުން ގެނައީ ލޮލުން ދިލަ ނަގާތީ ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓަ އަހްމަދު ޝިޔާމް ވިދާޅުވީ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންމެ މީހެއް ކަމަށާއި ނަމަވެސް އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. "ފުލުހުންގެ ލައިން ފޫއަޅުވާލަން އުޅުމުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައި،" ޝިޔާމް ވިދާޅުވި އެވެ. ހެނދުނު 8:00 ހާއިރު ފެށި މުޒާހަރާ ނިންމާލީ، ބިން ވިއްކުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު، ތިން ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށް ބުނުމުން، މެންދުރު 12:00 ޖަހާކަންހާއިރު އެވެ. މިކަމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ބަހެއް ނުލިބުނެވެ. އުތުރުގެ އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީ ހުޅަނގު ފަރާތުން 29 ހެކްޓަރުގެ ބިން ހިއްކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އެ މަޝްރޫއަށް 109 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވެ އެވެ. 11:14 މަޝްވަރާކުރަން ކައުންސިލް އިދާރާ އަށް ބައެއް މީހުން ވަދެއްޖެ. 10:30 ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. ކައުންސިލް ދޮރުމަތީގައި ފުލުހުން ތިބީ ޝީލްޑް ހިފައިގެން. ހިތްހަމަނުޖެހުން ފާޅުކުރުމުގައި ދުއިސައްތައެއްހާ މީހުން ބައިވެރިވާ ކަމަށާއި އެ މީހުން ގޮވަމުންދަނީ ބިން ވިއްކާ މައްސަލައިގައި ރަށު ކައުންސިލާ ބައްދަލުކުރުމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި. ނަމަވެސް އަދި އެ ފުރުސަތެއް ނުލިބޭ. 10:04 ހދ. ކުޅުދުއްފުށިން ބިން ވިއްކަން އުޅޭތީ އެރަށުގެ ބަޔަކު ނުކުމެ ކައުންސިލް އިދާރާ ކައިރީ ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދެ އެވެ. ކުޅުދުއްފުށީ މީހަކު ބުނީ ހިތްހަމަނުޖެހުން ފާޅުކުރުމަށް ރައްޔިތުން ނުކުތީ އެ ރަށުގެ ހިއްކި ބިމުން ބޮޑު ބައެއް ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ދީ، އެ ކޯޕަރޭޝަންގެ ނަން މަތީގައި އެ ބިން ރަޖިސްޓްރީކުރަން އުޅޭތީ އާއި އެތަނުން ބީލަމުގެ އުސޫލުން ގޯތި ވިއްކަން އުޅޭތީ ކަމަށެވެ. "މިހާރު ވެސް މިރަށުގެ އެތައް ސަތޭކަ ބަޔަކު ގޯއްޗަށް އެދި ހުށަހަޅާފައި ވަނިކޮށް، އެ މީހުންނަށް ގޯތި ނުދީ ބިން ވިއްކުމަކީ އިންސާފެއް ނޫން. މިހާރު ބިން ވިއްކަން ފޯމް ވެސް ދޫކުރަން ފަށައިފި. އެހެންވެ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދަނީ،" އޭނާ ބުންޏެވެ. ކައުންސިލް އިދާރާގެ ކައިރިއަށް ރައްޔިތުން އެއްވާން ފެށީ ހެނދުނު 00: 8 ގައި ކަމަށް އެ ރަށުން މައުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ