ކޯޓުން މަހުލޫފް ދޫކޮށްލައިފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށް އޭނާ ދޫކޮށްލައިފި އެވެ. އެއް މަސް ވަންދެން މުޒާހަރާއަކަށް ނުދިޔުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތު ގަބޫލުނުކުރުމުން މަހްލޫފު ބަންދުގައި ބަހައްޓާފައިވާ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން މުޒާހާރާ އަށް ނުދިއުން ފަދަ ކަމަކަށް ކޯޓުން ޝަރުތެއް ނުކުރެވޭނެ އެވެ. ނަމަވެސް މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރާން ޝަރުތު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. "(މަހްލޫފު ބަންދުގައި ބަހައްޓަން) ކްރިމިނަލް ކޯޓުން އަމުރު ނެރިފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ދިވެހި ރާއްޖޭގެ ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" އެ ހުކުމުގައިވެ އެވެ. ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި މަހްލޫފުގެ ފަރާތުން ވެސް އަދި ދައުލަތުގެ ފަރާތުން ވެސް ބުނެފައިވަނީ އަސާސީ ހައްގެއް އުނިވާ ގޮތަށް އެއްވެސް މީހަކަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަސާސީ ހައްގެއް އުނިވާ ގޮތަށް ޝަރުތު ނުކުރެވޭނެ ސަބަބުތައް ބަޔާންކޮށް ޝަރީއަތަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކޮށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބެހެއްޓުމަށް ފުލުހުންގެ މައްޗަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކޯޓުން އަމުރުކުރީ، އެއް މަސް ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ކުރި ޝަރުތު އޭނާ ގަބޫލު ނުކުރެއްވުމުންނެވެ. މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކުރީ ފުލުހުން ޖަހާފައި ހުރި ބެރިކޭޑް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެ އަށް ވަނުމުންނެވެ. ތިން ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އެންމެ ފުރަތަމަ ފަހަރު ފަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދެ ވަނަ ފަހަރަށް ފަސް ދުވަސް ވަންދެން ބެހެއްޓީ ގޭ ބަންދުގަ އެވެ. އޭގެ ފަހުން ކޯޓުން އަމުރުކޮށްފައި ވަނީ 15 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބަހައްޓާށެވެ. މަހްލޫފުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ގިނަ ބަޔަކަށް ވަނީ މުޒާހަރާތަކަށް ނުދާން ޝަރުތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ