އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުން ދިޔަ މީހާ ހައްޔަރުކޮށްފި

މާލޭގައި ހުރި އޭޓީއެމްތަކުން އެކި މީސް މީހުންގެ އެކައުންޓުން ވަގަށް ފައިސާ ނަގަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރެއްހާއިރު ވިލިމާލެ އިން ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ދުންބުރުވާގޭ އިބްރާހީމް ލަތީފެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ހުއްޓަ އެވެ. އޭނާ އަކީ އެ ތަނުން ޚިދުމަތް ހޯދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ ވަގަށް ފައިސާ ނަގާފައި ވަނީ ކިތައް އެކައުންޓުން ކަމެއް އަދި ނަގާފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި އޭނާގެ ނަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭނާ އޭޓީއެމްތަކުން ފައިސާ ނަގާފައި ވަނީ، އޭޓީއެމްތަކަށް ފައިސާ ނަގަންދާ މީހުންގެ ތެރެއިން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެ ދިނުމުގެ ނަމުގައި އެ މީހުންނަށް ފައިސާނަގައި ދިނުމަށް ފަހު އެ މީހެއްގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް މިހާތަނަށް ފާހަގަ ކުރެވޭކަމަށް ފުލުހުން ބުންޏެވެ. އޭޓީއެމް ކައިރީގައި ތިބޭ ގޮތް ނޭނގޭ މީހުން ފައިސާ ނެގުމަށް އެހީތެރިވެ ދިނުމަށް ހުށަހެޅިޔަސް އެފަދަ މީހުންގެ އެހީ ނުހޯދުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ