ރާއްޖެ ޓީވީގެ މައްސަލަ އދ. އަށް ހުށަހަޅަން ޝަހީދު މަސައްކަތް ފައްޓަވައިފި

ރާއްޖެޓީވީ ސްޓޫޑިއޯ ހުންނަ "ކުއީން އޮފް ދަ ނައިޓް" އިމާރާތުގެ ސެކިއުރިޓީ އަށް ހަމަލާ ދިނުމަށް ފަހު އެ ސްޓޫޑިއޯގައި ރޭގެ ވަގުތެއްގައި ރޯކޮށްލި މައްސަލަ ޖެނީވާގައި ހުންނަ އދ . ގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް، އދ. އިން އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ފައްޓަވައިފި އެވެ.
ރާއްޖެ ޓީވީގެ ޗެއާމަން އަކުރަމް ކަމާލުއްދީން ޓެގް ކޮށް ޝަހީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާގެ ކުރު ރިޕޯޓެއް ވީއެންމެ އަވަހަކަށް އެބޭފުޅާއަށް ފޮނުވާ ދިނުމަށް އެދޭ ކަމަށާއި އެ ރިޕޯޓް، ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް އެބޭފުޅާ ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އދ. އަށް ހުށަހެޅުމުގެ މަސައްކަތް ޑރ. ޝަހީދު ކުރަވަމުން އަންނައިރު ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ފަސް ކުރަން ކުރި އަމުރާ ގުޅިގެން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ރާއްޖެއަށް އިންޑިޔާސިފައިން އަރަން އެބޭފުޅާ ވަނީ ގޮވާލައްވާފަ އެވެ.
ރޭގެ ފަތިސް ވަގުތެއްގައި ރާއްޖެޓީވީގެ ސްޓޫޑިއޯ ރޯކޮށްލާފައިވާއިރު އެ ސްޓޫޑިއޯގައި ހުރި ހުރިހާ ސާމާނެއް އެކޮށް ވަނީ އަނދާ ހުލިވެފައެވެ. އެ ޓީވީގެ ޓްރާންސްމިޝަން މިހާރު އަލުން ފަށާފައިވާއިރު އެ ސްޓޭޝަންގެ ޓްރާންސްމިޝަން އަލުން ފަށާފައިމިވަނީ ރޯކޮށްލިތާ އަށްގަޑިއިރު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ