އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖައްސަން ފާސްކޮށްފި

14-12-2014 21:42 މާދަމާ ހެނދުނު 9:00 ގައި ޖަލްސާއެއް ބާއްވާނެ ކަން އިއުލާންކުރުމަށް ފަހު މިރޭގެ ޖަލްސާ ނިންމާލައިފި 14-12-2014 21:40 އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖައްސަން މަޖިލީހުން ފާސްކޮށްފި. މި ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުން. 14-12-2014 21:38 ޖަލްސާ އަލުން ފަށައިފި 14-12-2014 21:32 އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކުރުމުގެ ވޯޓުގައި ބައިވެރި ނުވާން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި. މެމްބަރު އިމްތިޔާޒު ވިދާޅުވީ އެއީ ގާނޫނުއަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް. MDP has issued a 3 line whip not to participate in the unconstitutional process of appointing a new Chief Justice — Inthi (@Imthiyazfahmy) December 14, 2014 އިމްތިޔާޒުގެ ޓްވީޓް 14-12-2014 21:24 ހުސް ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލައިފި. ވޯޓަށް އެހުމަށް ޖަލްސާ ފަށާނީ 9:30 ގައި. 14-12-2014 21:23 އިތުރު މެމްބަރަކު ފުރުސަތަކަށް އެދިފައި ނެތުމުން ބަހުސް މަރުހަލާ ނިންމާލައިފި. ބަހުސްގައި ވާހަކަދެއްކެވީ ފަސް މެމްބަރުން. 14-12-2014 21:23 އަދާލަތު ޕާޓީގެ އަނާރާ ނައީމް: މި ރެއަކީ ވަރަސް ތާރީހީ ރެއެއް. މިއީ ވަރަށް ބޮޑެތި ބަދަލުތަކެއް. އުއްމީދަކީ ޝަރުއީ ދާއިރާ ރަނގަޅުވުން. އާ އުއްތަމަ ފަނޑިޔާރު މައްސަލަތައް އަވަސްކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަން ޔަގީންކުރަން. ރާއްޖެ އަށް އަންނަ ކޮންމެ ބަދަލަކަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަށް އެއްބާރުލުން ދޭން ވާނެ. މި އަންނަ ހެޔޮ ބަދަލާ އެކު އަދުލު އިންސާފުގެ ދާއިރާ ރަނގަޅުވެ، ރައްޔިތުންނަށް ހައްގުތައް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން. މައްސަލަތައް ހަލުވިވެ އަދުލުއިންސާފު ގާއިމްކުރެވިގެންދާނެ ކަން ފާހަގަކުރަން. 14-12-2014 21:14 ޕީޕީއެމް ފަރާތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު: މިއީ ވަރަށް ހާއްސަ ރެއެއް. މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހުކުރަން ގޮވާލުމުން ރައީސް ޔާމީން ވަޑައިގެން އެކަމަށް އަމަލީ ސިފަ ގެންނެވީ. މި ފިޔަވަޅުގެ ސަބަބުން ޝަރުއީ ދާއިރާ އެތައް ގުނައަކަށް ކުރިއަށް ޖެހޭނެ. ފަނޑިޔާރު އަބްދުﷲ ސައީދަކީ ޝަރީއާ ލޯ، އަދި މެރިޓައިމް ލޯ އިން މާސްޓާސް ހައްދަވާފައި ހުންނެވި ބޭފުޅެއް. އަދި ގުރުއާން ހިތުދަސް ބޭފުޅެއް. އިންތިގާލީ މަރުހަލާގައި ވެސް އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން މަސައްކަތް ވެސް ކުރެއްވި ބޭފުޅެއް. އެހެންވީމާ އެ ވަޑައިގަންނަވަނީ ތަޖުރިބާއާ އެކު. ގާނޫނުގައި ނެތް ކަމެއް ކަނޑައަޅާނީ ކީރިތި ގުރުއާނަށް ބަލައިގެން. އެހެންވީމާ މިއީ ގާބިލް ބޭފުޅެއް. މިއަދު އަޅުގަނޑުމެން މި ކުރާ މި މަސައްކަތުގެ ސަބަބުން ޝަރުއީ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ. ޓީވީ އަށް އަރާ، ޝަރުއީ ދާއިރާއާ ބެހޭގޮތުން އެއްޗެއް ބުނަން ކެރުނު ހަމައެކަނި ބޭފުޅަކީ ވެސް އަބްދުﷲ ސައީދު. އެމަނިކުފާނު ކަންތައް ކުރައްވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް. 14-12-2014 21:09 އެމްޑީޕީގެ ފަރާތުން އިމްތިޔާޒު ފަހުމީ (އިންތި): ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ސަރުކާރުގެ އެދުމުގެ މަތިން ވަގަށް ނަގާފައި. އޭގެ ކުރިން އޮޑިޓަ ޖެނެރަލް ވެސް ވަނީ ވަގަށް ނަގާފައި. އޭގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވެސް ވަނީ ވަގަށް ނަގާފައި. ގާނޫނުއަސާސީގައިވާ މިފަދަ ކަންކަން ފޭރެމުން، ވަޅުލަމުން ދާތީ ހިތާމަކުރަން. އެހެންވީމާ މި ހިނގާ ޕްރޮސެސްގައި އަޅުގަނޑު އެއްގޮތަކަށް ވެސް ބައިވެރިއެއް ނުވާނަން. 14-12-2014 21:07 މިކަމާ މެދު 30 މިނިޓް ވަންދެން ބަހުސްކުރަން ފުރުސަތު ހުޅުވާލައިފި. 14-12-2014 21:07 އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކުރަން ޖޭއެސްސީން ލަފާ އަރުވާފައިވާ ކަން ބަޔާންކުރައްވައި، އެ މަގާމަށް ފަނޑިޔާރު އައްޔަންކޮށްދިނުން އެދި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ޖަލްސާގައި ދެންމެ އިއްވައިފި. މިއީ އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ބާއްވާ ކުއްލި ޖަލްސާއެއް. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ބެންޗުން މިއަދު ވަކިކޮށްފައިވާ އިރު މިހާރު އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ. އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ