ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ފުވައްމުލަކު ވިޔަފާވެރިން ކަންބޮޑުވުން ފާޅުކޮށްފި
ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލުތައް މި މަހުން ފެށިގެން ބޮޑުވެފައިވާތީ ފުވައްމުލަކު ވިޔަފާރިވެރިން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ. ޕެޓިޝަންގައި ސޮއި ކުރަމުން އަންނަ ވިޔަފާވެރިން މިއަދު ވަނީ ފުވައްމުލަލު އަތޮޅު ކައުންސިލާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމުގައި، އަތޮޅު ކައުންސިލަށް މި މައްސަލާގައި ކޮށްދެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. ކަރަންޓުގެ ހަރަދު ބޮޑުވީ ވިޔަފާރި ކުރާ ތަންތަނަށް ދެމުންދިޔަ ފިއުލް ސާޗާޖް ސަބްސިޑީ ކަނޑާލުމުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ބުންޏެވެ. ފުވައްމުލަކު ވިޔަފާވެރިން ބުނީ އެ މީހުންގެ ފިހާރަތަކުން މިހާތަނަށް ވެސް ކަރަންޓް ބިލަށް ފައިސާ ދައްކަމުން ދިޔައީ ކޮމާޝަލް ރޭޓުން ކަމަށެވެ. އަދި މީގެ ކުރިން ވެސް ސަރުކާރުން ފުވައްމުލަކުގެ ވިޔަފާރިވެރިންގެ ކަރަންޓް ބިލަށް އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށް ވިޔަފާވެރިން ބުންޏެވެ. އަތޮޅު ކައުންސިލާ އެކު ފުވައްމުލަކު ވިޔަފާރިވެރިން މިއަދު ބޭއްވި ބައްދަލުވުން: ވިޔަފާވެރިން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެެރޭގައި. ކަރަންޓް ބިލަށް އައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިނަށް ލިބޭ ގެއްލުން ފޫބެއްދުމަށް، ތަކެތީގެ އަގު ބޮޑު ކުރެވިދާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ. އެހެން ނަމަވެސް އެ މީހުން ބުނީ ރައްޔިތުންނަށް ނުކުޅަދާނަވާ ވަރަށް ތަކެތީގެ އަގު އުފުލުމަކީ ވިޔަފާރިވެރިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ވިޔަފާރިވެރިން އިތުރަށް ބުނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ އިތުރު ގޮތްތަކެއް ހިޔާރު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަހުމަދު މުހައްމަދު (މީނާޒް) ވިދާޅުވީ ކަރަންޓް ބިލަށް އައި ބަދަލާ ގުޅިގެން ތަކެތީގެ އަގު އުފުލިގެން ދާ ނަމަ އެއީ ކައުންސިލުން ވެސް ވަރަށް ކަންބޮޑުވާނެ މައްސަލައެއް ކަމަށެވެ. އެހެންވެ މިކަމުގައި ކައުންސިލަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ކައުންސިލްގެ ފަރާތުން ބައިވެރިވި ބޭފުޅުން ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އަތޮޅު ކައުންސިލްގައި މައިގަނޑު ދެ ކަމަކަށް އެދިފަ އެވެ. އެއީ ވިޔަފާރިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕެޓިޝަން ސަރުކާރުގެ އިދާރަތަކަށް ފޯރުކޮށްދިނުމާއި ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު އޮފީހުގެ ވެރިންނާ އެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމެވެ. ވިޔަފާރިވެރިން ފާހަގަ ކުރި ގޮތުގައި ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗާ ބައްދަލު ކުރަން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ