އައްޑު އަށް 24 ގަޑި އިރު ކަރަންޓް "ޔަގީނެއް ނޫން"

އައްޑުއަކީ ބޮޑު އާބާދީއެއް އޮތް ތަނެކެވެ. ކަރަންޓް ބޭނުންކުރާ މިންވަރު ދަނީ އެއް ދުވަހެއް އަނެއް ދުވަހަށް އިތުރުވަމުންނެވެ. ރައްޔިތުންގެ ދިރިއުޅަމަށް އަންނަމުންދާ ބަދަލުތަކާ އެކު، މިހާރު އެއްވެސް ގޭބިސީއަކީ ކަރަންޓާ ނުލައި އުޅެވޭނެ ތަނެއް ނޫނެވެ. އެކަމަކު މައްސަލައަކީ ކަރަންޓް ބޭނުން ކުރާ މިންވަރާ އެއްވަރަށް ހިދުމަތް ތަރައްގީވަމުން ނުދިއުމެވެ. މީގެ ސަބަބުން ދިމާވާ މައްސަލަތަކާ ހެދި ކަރަންޓް ކެނޑުމަކީ މިހާރު އައްޑޫ ރައްޔިތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމެކެވެ. ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އައްޑު އަށް 24 ގަޑި އިރު ކަރަންޓްގެ ހިދުމަތް ތައާރަފްކުރިތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު މިހާރު އައްޑުއަކީ 24 ގަޑި އިރު ކަރަންޓްގެ ހިދުމަތް ލިބޭ ތަނެއް ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. ހާއްސަކޮށް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުންނެވެ. ސަބަބަކީ ކަރަންޓް ކެނޑޭލެއް އާންމުވެފައި ދޭތެރެ ދޭތެރެ އިން ކަރަންޓާ ނުލައި ދުވަހުގެ ބައެއް ވަގުތުތައް ހޭދަ ކުރަން މަޖުބޫރުވުމެވެ. ކަރަންޓާ ނުލައި ބައި ގަޑިއެއްހާ އިރު ވެސް ހޭދަކޮށްލުމަކީ މިހާރު ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ ކަރަންޓްގެ ހިދުމަތަށް ކިރިޔާ ވެސް ބުރޫ އަރައިފި ނަމަ، ރައްޔިތުންގެ ޝަކުވާތައް އޮހެން ފަށަ އެވެ. އެކަމުގެ ވޭނާއި އުނދަގޫ ތަހައްމަލް ކުރަން ޖެހުމުން އިހުސާސް ކުރެވޭ ހިތްދަތިކަމުގެ ވާހަކަ ދައްކަ އެވެ. މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކަށް މައްސަލަ ޖެހިގެން މުވައްޒަފުންތަކެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ/ އަހުމަދު އަދުޝަން މީގެ ހައެއްކަ އަހަރު ކުރިއަށް ޖެހިލާ އިރު އައްޑު އަށް ކަރަންޓް ދެމުން ގެންދިޔައީ ވެރިރަށް މާލެ އަށް ވެސް ކަރަންޓް ދެމުން އަންނަ ސްޓެލްކޯއިންނެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑު އަށް ކަރަންޓް ދެމުން ގެންދިޔައީ އެކަމަށް ހާއްސަކޮށްގެން އުފެއްދި ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) މެދުވެރިކޮށެވެ. އޭގެ ފަހުން މިހާރު އައްޑު އަށް ކަރަންޓް ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެކަމަކު މީގެ ކުރިން އައްޑޫގެ ކަރަންޓްގެ ހިދުމަތަށް މައްސަލަ ދިމާ ނުވާ ވަރަށް ފަހަކަށް އައިސް ވަނީ މައްސަލަތައް ކުރިމަތިވާން ފަށައިފަ އެވެ. ފެނަކައިން ބުނާ ގޮތުގައި އައްޑޫން ކަރަންޓް ކެނޑޭ މައިގަނޑު ސަބަބަކީ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރަމުން އަންނަ އިންޖީނުތައް މަރާމާތު ނުކުރެވި، އޯވަހޯލް ވެސް ނުކުރެވި އެތައް ޒަމާނެއް ވެފައި ވުމެވެ. އެހެންވެ މިހާރު އަންނަނީ ކުރިން ހުރި އިންޖީނުތަކުގެ ހާލަތު ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. ކުއްލިއަކަށް ކަރަންޓް ކަނޑައިގެން ދިއުމުން، ބައެއް ގޭގޭގައި ހުރި އިލެކްޓްރޯނިކް އެތައް ސާމާނެއް އެތައް ފަހަރެއްގެ މަތިން ހަލާކުވެފައިވެ އެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ އެވެ. އަގު ބޮޑުކޮށް ގަނެފައި ހުންނަ އެއްޗެހި މިފަދަ "އެކްސިޑެންޓްތަކުގައި" ހަލާކުވެގެން ރައްޔިތުން ކުރަން ޖެހޭ ޝަކުވާތައް ވަރަށް ގިނަ އެވެ. އެކަމަކު އެއީ ބަދަލު ލިބޭނެ ކަމަކަށް ނުވާތީ އެ ވާހަކަ ދެއްކުމަކުން ވާނެ ފައިދާއެއް ވެސް ނެތެވެ. އާންމު ރައްޔިތުންގެ އިތުރުން އައްޑޫގެ ވިޔަފާވެރިން ވެސް މިކަމުގެ ޝަކުވާތައް އިންތިހާ އަށް އުފުލަ އެވެ. ފެނަކަ އިން ބުނާ ގޮތުގައި އައްޑޫ ކަރަންޓްގެ ހާލަތު ރަނގަޅު ކުރަން އެ ކުންފުނިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި އައްޑުއަކީ އެ ކުންފުނިން ވަރަށް ބޮޑު އިސް ކަމެއްދޭ ސަރަހައްދެއްކަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވެސް ވަރަށް ގިނައިން ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ، މިހާރު ހުރި އިންޖީނުތަކަށް ވުރެ ކެޕޭސިޓީ ބޮޑު އިންޖީނުތަކެއް ގެނެސް، ހިދުމަތް ދޭން ފެށިގެންނެވެ. ހަމަ އެއާ އެކު ޓްރާންސްފޯމަރުތައް ހޯދައި ވަޔަރުގެ މައްސަލަ ވެސް ހައްލު ކުރެވިގެން ނޫނީ މުޅި މައްސަލަ އަށް ހައްލެއް ނުލިބޭނެ ކަމަށް ނިމާލް ވިދާޅުވެ އެވެ. ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނިމާލް: އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދޭން މަސަައްކަތް ކުރައްވާ ކަަމަށް ވިދާޅުވޭ --ހަވީރު ފޮޓޯ/ މުހައްމަދު ވަހީދު އެ މަސައްކަތް ނިމާލު އިސްކޮށް ހުންނަވައިގެން ފެނަކައިން ފެށީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އައްޑު އަށް ދެ މެގަވޮޓްގެ އިންޖީނެއް ގެންނަން މަސައްކަތް ކުރާ ވާހަކަ އޭރު ވަރަށް ގިނައިން ފެނަކަ އިން ދައްކަ އެވެ. އެކަމަކު އެކަން ހަގީގަތަކަށްވީ ދާދި އިހަކަށް ދުވަހު އެވެ. ފެނަކަ އިން އައްޑު އަށް ދެ މެގަ ވޮޓްގެ ދެ އިންޖީނު ގެނައީ ފާއިތުވި ރޯދަ މަހުގެ ތެރޭގަ އެވެ. އިންޖީނުތައް ގެނައުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެ އިންޖީނުތައް އިންސްޓޯލްކޮށް ބޭނުން ކުރަން ފަށާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައި އޮތުމުންނެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. މިނިވަން 50ގެ ހަރަކާތްތަކާ ދިމާކޮށް، އެ ދެ އިންޖީނު އައްޑޫން މާލެ ގެންދިޔައީ އެވެ. ފަހުން ގެންނަ ގޮތަށެވެ. އެކަމަކު ގެންގޮސްފައި ފަހުން ބުނެފައި ވަނީ އެ އިންޖީނުތައް ދެން އައްޑު އަށް ފޮނުވަން ހަމަޖެހިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިން އާ ދެ އިންޖީނު އައްޑު އަށް ގެންނާނެ ކަމަށް ފެނަކަ އިން ބުންޏެވެ. އަދި އެއީ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ޔަގީން ކަމެއް ކަމަށް އެ ކުންފުނިން ތަކުރާރުކޮށް ބުނެފައިވެ އެވެ. އައްޑު އަށް މިދިޔަ ރޯދަ މަހުގެ ތެރޭގައި ގެނައި ދެ މެގަވޮޓްގެ އިންޖީނުތައް މަރުކަޒީ އިންޖީނު ގެއިން ބޭރު ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ/ އަހުމަދު އަދުޝަން އިންޖީނުތައް އައްޑު އަށް ގެނެސް އިންސްޓޯލް ވެސް ނުކުރެވިގެން އުޅެނިކޮށް މާލެ ގެންދިޔަ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ރައްޔިތުންގެ މަޖިލީހާ ހަމައަށް މައްސަލަ ދިޔަ އެވެ. މަޖިލީހުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިމާލް އޮގަސްޓް 11ގައި ވިދާޅުވީ ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި މުޅިން އާ ދެ އިންޖީނު އައްޑު އަށް ގެންނާނެ ކަމަށެވެ. އައްޑު އަށް މިދިޔަ ރޯދަ މަހުގެ ތެރޭގައި ގެނައި ދެ މެގަވޮޓްގެ އިންޖީނުތައް މަރުކަޒީ އިންޖީނު ގެއިން ބޭރުކުރަނީ: މި ދެ އިންޖީނު މާލެ ގެންދިޔަ ގޮތަށް އަނބުރާ ގެނެސްފައި ނުވާއިރު އައްޑުއަށް އާ އިންޖީނުތަކެއް ވެސް ނުލިބޭ. ފޮޓޯ/ އަހުމަދު އަދުޝަން ފެނަކައިން ބުނެފައިވާ ގޮތުގައި އަލަށް ގެންނަން ނިންމި ދެ އިންޖީނަކީ ސްޓެލްކޯގެ ހަރަދުގައި ގެންނަ ދެ އިންޖީނެވެ. އެއީ އައްޑޫން މާލެ ގެންދިޔަ ދެ ޖަނަރޭޓަރަކީ ސްޓެލްކޯލްގެ ބޭނުމަށް ގެންދިޔަ ދެ ޖަނަރޭޓަރު ކަމަށްވާތީ އެވެ. ރައްޔިތުން ތިބީ އެ ދެ އިންޖީނު ގެންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓްގެ ހިދުމަތަކީ 24 ގަޑި އިރު "ޔަގީން" ހިދުމަތަކަށް ހަދައިދޭނެ ކަމަށް ވައުދުވެފަ އެވެ. އެހެންވެ އައްޑޫ ރައްޔިތުންނަށް އެ ޔަގީންކަން ލިބެން ޖެހެ އެވެ. އަސާސީ ހިދުމަތަކަށް ބުރޫ އަރާ ނަމަ، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނުރަނގަޅު އަސަރުތައް ބޮޑު ވާނެ އެވެ. އައްޑޫން ފެންނަނީ އެ މަންޒަރެވެ. ކަރަންޓްގެ ހިދުމަތާ މެދު ކަންބޮޑު ނުވާ އެކަކު ވެސް ނެތެވެ. އެހެންވެ މިއީ 24 ގަޑި އިރު ޔަގީން ހިދުމަތެއް ގޮތަށް ބަލައިގަންނަން ދަތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ