ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، ޑިފެންސް މިނިސްޓަރު ނާޒިމަށް މަޖިލީހުން ނޯޓިސް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން އިއްޔެ ނެރެފައި ވަނިކޮށް، ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މިއަދު އޭނާ އަށް މަޖިލީހުގެ އިދާރާ އިން ފޮނުވައިފި އެވެ. ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުމާ މެދު މަޖިލީހުގައި ބަހުސް ކުރުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ ކަމަށެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނީ 17 މެމްބަރުންގެ ސޮޔާއެކު އެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވިއިރު، މަޖިލީހުގައި ނަގާ އެފަދަ ވޯޓުތައް ނެގުން މަޑު ޖައްސާލުމުގެ އަމުރެއް ސުޕްރީމް ކޯޓުން އިއްޔެ ނެރުނީ އެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ޕީޕީއެމްގެ މެމްބަރަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި އެ މެމްބަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލު މުހަންމަދު ވަހީދު އިބްރާހީމް (ވައްޑެ) އެވެ. ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެކަމަކު އަދި އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ