ރިޔާސީ ކޮމިޝަނުގެ ލިޔުންތައް ދޭން އެއްބަސްވެއްޖެ

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގާފައިވާ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަނުގެ މައްސަލަތަކާބެހޭ ލިޔުންތައް އެންމެ ފަހުން ލިބޭގޮތްވެއްޖެކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރުވެސް ހޯދަން މަސައްކަތް ކުރި ލިޔުންތައް ސަރުކާރު ބަދަލުވެގެންދިޔައިރު ވެސް ލިބިފައިނުވާތީ އާ ސަރުކާރު އައުމުންވެސް އެ މައްސަލަތަކުގެ ލިޔުންތައް ލިބޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިހާރު އޭސީސީން ބަލާ ޒާތުގެ މައްސަލަތަކުގެ ލިޔުންތައް ލިބުމަށް މަގުފަހިވެފައިވާކަމަށެވެ.
"ކުރީގެ ސަރުކާރުންވެސް މައްސަލަތަކުގެ ލިޔުންތައް ހަވާލެއްނުކުރި. އާ ސަރުކާރު އައުމުންވެސް ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކުގެ ލިޔުންތައް ހޯދަން އުޅުނިން. ނަމަވެސް މިހާތަނަށް ނުލިބި އޮވެފައި މިހާރު ވަނީ ލިބޭގޮތްވެފައި،" ލުތުފީ ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ބައެއް އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަތަކުގެ އިތުރުން 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ