މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުއްވައިލައްވައި، އެކަމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެއްވުމަށް ހާއްސަ އިނާމާބެހޭ ކޮމިޓީއިން ނިންމައިފިއެވެ. މިއިނާމާބެހޭ އިތުރު ތަފްސީލު މައުލޫމާތު، މާދަމާ މީޑިއާތަކާއެކު ހިއްސާ ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމުގައި ބެއްލެވުމަށް ކަނޑައެޅުއްވި އުސޫލުތަކާއި، އިނާމާބެހޭ އިތުރު މައުލޫމާތު، އެ ކޮމިޓީން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިއާޔަތް ކޮށް، ކޮމިޓީން ގެނައި ބަދަލުތަކާއެކު، މި އިނާމާބެހޭ ލިޔުން، މި މަހުގެ 7 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ކުރިން ދެމުން ގެންދިޔަ އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ގޮތުގައި މިއަހަރުން ފެށިގެން ގަވާއިދުން ދެއްވަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއަކުން މި އިނާމުގެ ކަންތައްތައް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވެސްވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، މާފަންނު ބްލޫ ސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ހެންވޭރު ކަނޑޫމާގޭ އަލްފާޟިލާ އާމިނަތު ރީނާއެވެ. އަދި މި ކޮމިޓީގައި ޤައުމީ އިނާމާބެހޭ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މެންބަރު ހެންވޭރު މާދޫގޭ އަލްފާޟިލް ޙުސައިން ޢާމިރު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ