ނައިބު ރައީސްކަމަށް ވަކި ބޭފުޅަކު ގެންނަން ބާރެއް ނާޅަން: މައުމޫން
ނައިބު ރައީސް ކަމަށް ވަކި ބޭފުޅަކު ގެންނަން އެމަނިކުފާނު ބާރު އަޅުއްވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. މައުމޫން ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވިއިރު، ނައިބު ރައީސް ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ގެންނަވަން މައުމޫން ތާއީދު ކުރައްވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. It is not true that I have a preference for a particular person to become vice president. — Maumoon Abdul Gayoom (@maumoonagayoom) July 8, 2015 މައުމޫން ކުރެއްވި ޓްވީޓް މައުމޫން ވިދާޅުވީ ނައިބު ރައީސްކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. As per the Constitution the appointment of a vice president in case the position falls vacant is the sole prerogative of the President. — Maumoon Abdul Gayoom (@maumoonagayoom) July 8, 2015 މައުމޫންގެ ޓްވީޓް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމަށް ސިޔާމް ޝައުގުވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނައިބު ރައީސް ކަމުގެ މަގާމަށް ރައީސް ޔާމީން ހަމަޖައްސަވާ ބޭފުޅަކަށް އެމްޑީއޭގެ ލީޑަރާއި މުޅި ޕާޓީގެ ތާއީދު އޮންނާނެ އެވެ. އަދި ނައިބު ރައީސާ އެކު ވެސް މަސައްކަތް ކުރާނީ ގައުމުގެ ފައިދާއަށް ކަމަށް އާމިރު ވިދާޅުވި އެވެ. ނައިބު ރައީސް ޖަމީލާއި ޓޫރިޒަމް މިނިސްޓަރު އަދީބު.---ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިސްވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، އެ މަގާމަށް އައްޔަން ކުރައްވަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުންވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އަދީބުގެ ސަޕޯޓަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމަށް ކެމްޕެއިން ކުރަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ ނައިބު ރައީސް ޖަމީލަށް އެ މަނިކުފާނުގެ އިތުބާރު މިހާރު ނެތް ކަމަށެވެ. ނައިބު ރައީސް ޖަމީލް މަގާމުން ވަކިކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މަނިކުފާނު އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ