މިރުފަތަށް ފުލުހުންގެ ވަޒީފާ ދޭން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ފުލުހުންގެ ޗީފް އިންސްޕެކްޓަރެއްގެ މަގާމުގައި ހުއްޓާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ މިރުފަތު ފާއިޒަށް އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއްދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހެޑްގެ މަގާމުގައި ހުންނަވަނިކޮށް 2010 ވަނަ އަހަރު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރީ އޭނާގެ ފިރިމީހާ ހައްޔަރުކޮށް، ތަހުގީގުކުރުމުގައި ގާނޫނާ ޚިލާފަށް ފުލުހުން އަމަލުކުރި ކަމަށް ބުނެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް އޭނާ ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. މިރުފަތު ވަކިކުރީ އޭނާ ވެސް ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން އެ ސިޓީން ޕީއައިސީ އަށް ފާހަގަވުމުން އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ ޕީއައިސީން ބަލަމުންދާ މައްސަލައަކަށް ލިބޭ އެއްވެސް ހެއްކެއް އެހެން އެއްވެސް މައްސަލައެއްގެ ތަހުގީގަށް ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނައިރު، މިރުފަތު ވަކިކުރުމަށް ފުލުހުންނަށް ހެކިތައް ލިބުނީ ގާނޫނާ ޚިލާފަށް ކަމަށެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފުލުހުންގެ ތެރޭގައި ކުރާ ގާނޫނާ ޚިލާފް ކަންތައްތައް ރިޕޯޓްކޮށްގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނޭޅޭނެ ނަމަވެސް އެކަން ރިޕޯޓްކުރި ފުލުސް މީހާ ވެސް ގާނޫނާ ޚިލާފަށް ކަމެއްކޮށްފައިވާ ކަމަށް އެ ފުލުހަކު ހުށަހެޅި މައްސަލަ އިން އެނގޭނަމަ އޭނާއާ މެދު ފިޔަވަޅު އެޅިދާނެ ކަމަށެވެ. އަދި މިރުފަތު ވެސް ވަކިކުރީ އެ ގޮތުގެ މަތިން ކަމަށް ހުކުމުގައިވެ އެވެ. "މިރްފަތު ފާއިޒާ މެދު މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅާފައިވާ ފިޔަވަޅަކީ ވެސް ފުލުހުންގެ ވާޖިބާ ޚިލާފު އަމަލެއް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް މިރްފަތު ފާއިޒް ރިޕޯޓެއް ކޮށްފައިވާތީ އެޅި ފިޔަވަޅެއް ނޫންކަމާއި، ނަމަވެސް އެ ފިޔަވަޅު އަޅާފައި އެ ވަނީ މިރްފަތު ފާއިޒު ޕޮލިސް އިންޓަގްރިޓި ކޮމިޝަނަށް ފޮނުވި ސިޓީގައި މިރްފަތު ފާއިޒު ފާހަގަކޮށްފައިވާ ކަމަށް މިރްފަތު ފާއިޒުގެ ފަރާތުން ބަޔާންކޮށްފައިވާ، ފުލުހުންގެ ގާނޫނާ ޚިލާފް ނުވަތަ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފް އަމަލުތަކުގެ މައްޗަށް ބަލައި އެގޮތުން މަތިންކަން އެނގޭކަމެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ. އެ މައްސަލައަކީ ދައުލަތުން އިސްތިއުނާފްކުރި މައްސަލައެއް ނަމަވެސް އިއްޔެ އެ މައްސަލައިގެ ހުކުމްކުރީ ދައުލަތުގެ ޣައިރު ހާޒިރުގަ އެވެ. އެއީ ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް ދައުލަތުގެ ފަރާތުން ގަޑި އަށް ހާޒިރުނުވުމުންނެވެ. އާންމުކޮށް، ދައުވާކުރާ ފަރާތުން ގަޑި އަށް ހާޒިރުނުވެއްޖެނަމަ މައްސަލަ ބާތިލްކުރުމުގެ ފަނޑިޔާރުންނަށް އޮންނަ ނަމަވެސް ބައެއް ފަހަރު ދައުވާކުރާ ފަރާތުގެ ޣައިރު ހާޒިރުގައި ވެސް މައްސަލަ ނިންމާފައި އެބަހުއްޓެވެ. އަދި އެއީ ހައި ކޯޓުގެ ގަވާއިދުގެ ދަށުން ފަނޑިޔާރުންނަށް ލިބިދޭ ބާރެކެވެ. ސިވިލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު ހުކުމްކުރީ މިރުފަތު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމުގެ އިތުރުން އޭނާ ވަކިކުރި ދުވަހުން ފެށިގެން ހުކުމްކުރާ ދުވަހަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އަދި އޭނާއަކީ އެއްވެސް އިރެއްގައި ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި މަގާމުގެ ކުރިއެރުން ދިނުމުގައި ވެސް މެދުކެނޑުނު މުއްދަތު ގުޅުވުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ