ފެލިވަރު އިންޓަ ސްކޫލް ސްވިމިން މުބާރާތް: ސީނިއާ ގްރޫޕުން އެއް ވަނަ އިމާދުއްދީން ސްކޫލަށް

ދިހަ ވަނަ ފެލިވަރު އިންޓަ ސްކޫލް ސްވިމިން މުބާރާތުގެ ފިރިހެން ސީނިއާ ގްރޫޕުން އެއް ވަނަ އިމާދުއްދީން ސްކޫލް ހޯދައިފި އެވެ. އިއްޔެ ނިމުނު މުބާރާތުގެ ޖޫނިއާ ބައިން ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިން އެއް ވަނަ ހޯދީ އިމާދުއްދީނެވެ. އެއް ވަނަ ފެތުންތެރިންނަކީ ދަރުމަވަންތަ ސްކޫލުގެ އިސްމާއިލް ނާހިލް ނަސީމާއި އިމާދުއްދީން ސްކޫލުގެ ނިޝްވާން އިބްރާހީމެވެ. އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވުނީ އަމީނިއްޔާ ސްކޫލުގެ އައިޝަތު ސަޖިނާ އެވެ. ސާދަ އަހަރުން ދަށުގެ ފިރިހެން އެއް ވަނަ ޖަމާލުއްދީން ސްކޫލް ހޯދިއިރު އަންހެން އެއް ވަނަ އަކީ އިސްކަންދަރު ސްކޫލެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން ފެތުންތެރިންނަކީ އިސްކަންދަރުގެ މުހައްމަދު ނައްވަރު އިބްރާހިމާއި ޖަމާލުއްދީނުގެ ތިބްޔާން އިބްރާހިމެވެ. އަންހެން އެއް ވަނަ ހޯދީ ބިލަބޮންގެ ފާތިމަތު ޒުހުރާ އިސްމާއީލެވެ. ބާރަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން އެއްވަނަ ހޯދީ އިސްކަންދަރެވެ. މި ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް އިސްކަންދަރުގެ މުހައްމަދު ނާއިލް ހޮވުނު އިރު އަންހެން އެއް ވަނަ އަކީ އެ ސްކޫލުގެ ނަވާލް އިބްރާހިމް ހަސަން އެވެ. ދިހަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީނެވެ. މި ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކީ އިސްކަންދަރުގެ މުހައްމަދު ރާއިން އަބްދުއްސައްތާރެވެ. އަންހެން އެއް ވަނަ އަކީ އިމާދުއްދީނުގެ އައިޝަތު ޒީބާ ހާމިދެވެ. މިދިޔަ އަންގާރަ ދުވަހު މާލޭ ޓްރެކް ސަަރަހައްދުގައި ފެށި މުބާރާތުގައި 10 ސްކޫލަކުން 266 ފެތުންތެރިން ވާދަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ