ފެނަކަ ކޯޕަރޭޝަންގެ ފަސް އަހަރުގެ މާޒީގައި ކަރަންޓުގެ ޚިދުމަތަށް 486 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ 24 ގަޑިއިރު ކަރަންޓު ޔަގީން ސިޔާސަތުގެ ދަށުން، އެއްމިންގަނޑެއްގައި އެއް ފެންވަރެއްގައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ފެނަކަ ކޯޕަރޭޝަނުގެ މި ހިސާބުތަކަށް ބަލާއިރު 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރ ހޯދުމަށްކަމަށް ފެނަކައިން ބުނެއެވެ.
އެގޮތުން 150 އަށްވުރެ ގިނަ ޖަނަރޭޓަރ ހޯދާ އަތޮޅުތެރެއަށް ފޮނުވާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 54 ސިންކްރޮނައިޒިންގ ޕެނަލް ހޯދުމަށް 45 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ކޭބަލް ނެޓްވޯކް ރަނގަޅުކުރުމަށް ކޭބަލް ގަތުމަށް 78 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުންވެސް ޓްރާންސްފޯރމަރ އަދި ޑީބީ ފޮށި ގަތުމަށް 50 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިހާރު ފެނަކައިން ހިންގަމުން އަންނަ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި 48 ރަށެއްގައި އިންޖީނު ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި ކުންފުނިން ޚިދުމަތްދޭ 16 އަތޮޅުގައި ސޭލްސް ސެންޓަރ ޤާއިމްކުރުމާއި، ސަރވިސް ސެންޓަރެއް ޤާއިމުކުރުމާއި އިންޖީނުގެތަކަށް ބެކަޕް ޖެނެރޭޓަރ ސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.
އިންޖީނުގެތައް ތަރައްގީކޮށް ރައްޔިތުންނަށް އުނދަގުވާގޮތަށް ރަށު މެދުގައި ހުރި އިންޖީނުގެތަކާއި، ދުވަސްވެ ބާވެފައިވާ އިންޖީނުގެތައް މީހުން ނޫޅޭ ހިސާބުތަކަށް ބަދަލު ކުރުމަށް 86 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އަންނަނީ ގިނަ ރަށްތަކަކަށް ފޯރުކޮށްދެމުންނެވެ.
ހަމައެއާއެކު, ފެނަކައިން 32 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދެމުން އަންނައިރު 29 ރަށަކަށް އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ. ފެނާއި ނަރުދަމާގެ މަސްރޫޢުތަކަށް އަހަރަކު 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ.
ކަރަންޓުގެ ހިދުމަތް ތަރައްގީ ކުރުމަށް 486 މިލިއަން ރުފިޔާ ހަރަދުކޮށްފިން - ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ