މެމްބަރުން ވަކިވުމަށް އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިވުމަށް އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު، ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެމްބަރުކަމުން ވަކިވާ ހާލަތުތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނުގެ މި ޓްވީޓާ އެކު ވަނީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހިމެނޭ ބާބު ވެސް ހިއްސާ ކުރައްވައިފަ އެވެ.
މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކިވާ ތިން ހާލަތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔުން ނުވަތަ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރުން ނުވަތަ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމެވެ.
މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ މަޖިލީހުގެ ރައީސަށް ހުށަހަޅާ ސިޓީއަކުން އެކަން ކުރެވިދާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. މެމްބަރަކު މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން ދެއްކެވި ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދެއްވި ގޮތަކުން އެ ބޭފުޅަކު ކޯޓަކަށް ހާޒިރުކޮށް އަދި އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު އަނިލް އެދިވަޑައިގަތީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިއްޔެގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އަޑުއެހުމެއް ކަމެއް ބެންޗުން އިއުލާނެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ މި ދަނޑިވަޅުގައި، ޕާޓީ ބަދަލުވުމުން މެމްބަރުކަމުގެ ގޮނޑި ގެެއްލޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި ދައުލަތުން އެދުނު މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ