ގާސިމް މައްޗަށް އަލުން ދައުވާއެއް ނުކުރެވޭނެ: ވަކީލު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އަލުން ދެން ދައުވާ ނުކުރެވޭނެކަމަށް ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
މިރޭ ކުނޫޒުގައި ވާހަކަދައްކަވަމުން ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް މިއަދު ކޯޓުން ބޭރުކޮށްލުމުން ދެން އަލުން އެމައްސަލަތަކުގައި ދައުވާކޮށްފި ނަމަ އެކުރެވެނީ ގާނޫނު އަސާސީއާއި ޖިނާއީ އިޖުރައާތުގެ ގާނޫނާ މުޅި ޖިނާއީ އަދުލުގެ ނިޒާމާ ހިލާފަށް ޕްރޮސެކިއުޓާ ޖެނަރަލް ކުރައްވާ ކަމެއް ކަމުގައެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާ އެއް ކޮށްފައި ވެއެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މި މައްސަލަތަކާއި ގުޅިގެން ގާސިމްވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް 21 ދުވަސް ވަންދެން ޖަލުގައި ބާއްވާފައެވެ.
ގާސިމްގެ މައްޗަށްކުރި ދައުވާތައް ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލީ ޕީޖީގެ ވަކީލުން ވަޑައި ނުގެންނެވުމުންނެވެ. ނަމަވެސް ކޯޓުން ބުނެފައިވަނީ އަލުން މައްސަލަ ހުށައަޅަން ބޭނުން ނަމަ އެކަން ކުރެވޭނެ ކަމުގައެވެ.
ޕީޖީ އޮފީހުން މިރޭ ބުނެފައިވަނީ ގާސިމްގެ މައްޗަށް ކުރެވުނު ދައުވާތައް ކޯޓުން ބޭރުކޮށްލީ އަޑުއެހުން މާދަމާއަށް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ