ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކާކަށް ނުޖެހޭ: އައްބާސް ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކާކަށް ނުޖެހޭ: އައްބާސް

ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެކި ސްކީމުތަކުގެ ދަށުން ދޫކުރި ގޯއްޗާއި ފުލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެތަންތަން ހަވާލުކުރުން ކަމަށެވެ.
"މިއަދު ރަށްފުށުގަޔާއި މާލޭގަޔާއި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅައިދޭންވީ. ފުށިދިއްގަރުފަޅެއް ނޫން ހިއްކަން ވީ ދައުލަތުން ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން. ރައްޔިތުން ނަމުގަ ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކާކަށް ނުޖެހޭ. 4،000 ފުލެޓުގެ ހައްގުވެރިންނަށް 4،000 ފުލެޓު ދެއްވަންވީ، އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ކަނޑުން ވިޔަސް ފަޅުން ވިޔަސް ދިން ގޯތިތަކަކީ ރަނގަޅު ކަމެއް ކަމުގައި މި ސަރުކާރުން ނިންމައިފި ކަމަށާއި ސަރުކާރުން ދެން ޖެހޭނީ އެ ގޯތިތައް ދޭން ކަމަށް ވެސް އައްބާސް މިއަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާރު ދޫކޮށްފައި ހުރި ގޯތިތައް ހަވާލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ނުފުއްދި ދެ އަހަރު ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކަން ނުޖެހޭ ކަމަށް އައްބާސް ވިދާޅުވެފައި މިވަނީ، އެ މަޝްރޫއަށް ފައިސާ ހޯދުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވަގުތެއްގަ އެވެ.
އެކަން ހާމަވީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެއްކުމަށް ލޯނު ނަގަނީ ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. ލޯނުތައް ނެގުމަށްފަހު އެ ފައިސާ އޮންލެންޑު ކުރަނީ މި މަޝްރޫއު ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެއްވެެގެން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (މިޑް ފްރީ ޒޯން) އަށެވެ.
އެ ލޯނުތައް ހަމަޖެހެމުގެ ކުރިން، ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ކޮންޓްރެކްޓަރަށް އެޑްވާންސްް ފައިސާ ދެއްކުމަށް އެ ސިޓީގައި ރައީސް އޮފީހުން ވަނީ ފައިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ