ކިޔުންތެރިއެއްގެ ސިޓީއެއް: ޢީދު މުބާރިކް ޝެއިޚް އިމްރާން އަބްދުﷲ !

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެ ދިވެހި ދަރިޔަކަށްޓަކައި މިއަދު ފަޚުރުވެރިވާން ޖެހޭ ފަދަ ޤައުމީ ބަތަލް ޝެއިޚް އިމްރާން އަބްދުﷲ އަށް ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ދަންނަވަމެވެ.
އަޅުގަނޑުގެ އަޚް ޝެއިޚް އިމްރާން އެވެ. ޝަރުޢީ ހުކުމަކާއި ނުލައި ނުޙައްޤުން މަނިކުފާނަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ އަނިޔާތައް އަޅުގަނޑު ހަނދާން ނައްތައެއް ނުލަމެވެ. އަދި އަޅުގަނޑުމެން މަނިކުފާނަށްޓަކައި ހެޔޮ ދުޢާ ކުރުން މަތީގައި ދެމި ތިބި ކަމުގެ ޔަޤީންކަން މަނިކުފާނަށް އަރުވަމެވެ. މަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އެޅުވުމަށް ފަހު ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ކިތަންމެ ދުވަހަކު ބެހެއްޓި ނަމަވެސް މަނިކުފާނުގެ ޢަޒުމަކަށް ބަދަލެއް ނާންނާނެ ކަން އަޅުގަނޑު ޔަޤީންކުރަމެވެ.
ރައްޔިތުންގެ ޙައްޤުގައި ބަސް ބުނުން ހުއްޓާލުމަށް އެއްބަސްވުމުން ޖަލުން މިނިވަންކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދިނުމުން އެކަމަށް މަނިކުފާނު އެއްބަސްވެވަޑައި ނުގެންނެވި ކަމީ މަނިކުފާނަކީ ސާބިތުކަމާއި އެކު ހުންނެވި ސިޔާސީ ލީޑަރެއްކަން ހާމަވެގެން ގޮސްފައެވެ.
ނީލަމުގައި ރާއްޖޭގެ ސިޔާސީ ބޭފުޅުން އެމީހުންގެ ނަފްސުތައް ވިއްކާލަމުން ގެންދާއިރު، މަނިކުފާނު ފަދަ ތެދުވެރި ސިޔާސީ ބޭފުޅުންގެ ބޭނުން މިޤައުމަށް މިއަދު މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އިސްލާޙަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވާ ބޭފުޅުން ވޯޓް ދީގެން ދިވެހި ރާއްޖޭގެ ބިން ވިއްކަން ނިންމި ދުވަހު އަޅުގަނޑު އެންމެ ދެރަވީ މަނިކުފާނު އަޅުގަނޑުމެންނާއި އެކު ނެތީމައެވެ.
ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ކެރިވަޑައިނުގެންނެވި ކަމުގަައި ވިޔަސް މަނިކުފާނު ގިނިކަންޏާ ނިކުމެވަޑައިގެން ނަމަވެސް އެކަން ހުއްޓުވަން މަސައްކަތް ކުރާނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މަނިކުފާނު ޖަލުގައި ހުންނެވުމަކުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި މަނިކުފާނަށް ދީފައިވާ ލޯތްބާއި ޤަދަރަށް އެއްވެސް ބަދަލެއް ނާދެއެވެ.
ދައުލަތުން ޚަރަދުކޮށްގެން މަނިކުފާނުގެ އަގުވައްޓާލުމަށް ދުވާލަކު ދެފަހަރު ފާޑު ފާޑުގެ ވީޑިޔޯތަކާއި ބަޔާންތައް ނެރުނު ކަމުގައި ވިޔަސް ﷲ އިރާދަކުރެއްވިއްޔާ މަނިކުފާނަށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކުރާ ޤަދަރަކަށް ބަދަލެއް ނުގެނެވޭނެއެވެ.
އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމުގައި ހުރި ބޭފުޅަކު ނުވަތަ ސަރުކާރުގެ އިސް އެއްވެސް ބޭފުޅެއް ދެކެ ޖެހިލުމެއް ނުވަމެވެ. މަނިކުފާނު އަބަދުވެސް ވިދާޅުވާ ބަސްފުޅެއް އަޅުގަނޑު އަދިވެސް ހަނދާން އެބަހުއްޓެވެ. " إِنْ شَاءَ اللهُ فِيْهِ خَيْرٌ " (މާނައީ: ﷲ އިރާދަކުރެއްވިއްޔާ އެކަމުގައި ވަނީ ރަނގަޅެވެ.)
މަނިކުފާނު ޖަލުގައި ބަންދު ކުރުމަކުން ވެސް ސަރުކާރު ހިންގެވުމާއި ހަވާލުވެގެން ތިއްބެވި ފަރާތްތަކުގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރެއް ނުފެނެއެވެ. އެބޭފުޅުންގެ މަސައްކަތަކަށް ވެފައިވަނީ "އެކި ތަންތަން ކޮނެގެން އެއްޗިހިތަކެއް ނެގުމެވެ. މަނިކުފާނުގެ މޫނުފުޅު މަތިން ފެންނަ ހިނިތުންވުމެއް ނުފެނެއެވެ. އަދި ކިއެއްތޯއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި އިޚްލާސްތެރި ބޭފުޅުންނަކީ ކޮބައިކަން ވެސް ރައްޔިތުންނަށް މިދަނީ ހާމަވަމުންނެވެ.
އާދޭހެވެ.ﷲ އިރާދަކުރެއްވިއްޔާ އެކަމުގައި ވަނީ ރަނގަޅެވެ. އަޅުގަނޑުގެ އަޚް ޝެއިޚް އިމްރާން އަބްދުﷲއެވެ. މަނިކުފާނު ތިކުރައްވާ ހިތްވަރަށް އަޅުގަނޑު ސާބަސްދެމެވެ. އަޅުގަނޑު ފަދައިން މަނިކުފާނު ތި ދައްކަވާ ހިތްވަރަށް ސާބަސްދޭނެ އެތައް ރައްޔިތުންނެއް މިޤައުމުގައި އެބަތިއްބެވިއެވެ.
ﷲ އިރާދަކުރެއްވިއްޔާ މަނިކުފާނު ވަރަށް އަވަހަށް ޖަލުން މިނިވަންވެ އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވަން ފައްޓަވާނެއެވެ. އަޅުގަނޑު ފަދަ އެތައް ދިވެހިންނެއްގެ ހެޔޮ ދުޢާތައް ވަނީ މަނިކުފާނާއި އެކުގައެވެ.
ޚާދިމްކުމް
އަލީ ނަސީމް
ނޯޓް: މިއީ އައްޑޫލައިވްގެ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ