އެމްޑީޕީން އޮތީ މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލާން ތައްޔާރަށް - ނަޝީދު

އެމްޑީޕީން އޮތީ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވާއިރު ވޯޓުލާން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރާއްޖޭގައި އިހްލާސްތެރި އަދި ވާދަވެރި ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"މަރުހަބާ ޕީޕީއެމް، މި ރާއްޖޭގެ އިހްލާސްތެރި ވާދަވެރި ސިޔާސީ ޕާޓީއަކީ ޕީޕީއެމް، މާދަމާގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ އާއި އަޅުގަނޑު ތައްޔާރު." ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބާއްވަން ޖެހޭނެ ކަމަށާއި އެކަމަށް މަގުފަހިކުރުމަށް ބޭރުގެ ފަރާތްތަކުން ވެސް ޕްރެޝަރުކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީން އޮތީ މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލާން ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބޭއްވުމަށްޓަކައި ލިސްޓުގައި ސޮއިނުކުރައްވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. ޔާމީން މިގޮތަށް ވިދާޅުވީ ދާދި ދެންމެއަކު ނަސަންދުރާއަށް ވަޑައިގެން ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ މިހާރުގެ ނަތީޖާއަށް ބަލާއިރު ރައީސް ނަޝީދަށް 90،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސަންޓެވެ. ނަޝީދާއި ވާދަކުރެއްވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 60،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. އެއީ ވޯޓުލީ މީހުންގެ 30 ޕަސަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ