އދ.އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ޣައްދާރުވީ ދިވެހި ގައުމަށް ޣައްދާރު ވެވޭނޭ އެންމެ ބޮޑު މިންވަރަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95 ހާސް ވޯޓު ހޯދީ ވޯޓްލާ މީހުންގެ ލިސްޓް އޮޅުވާލުމަށްފަހު އެތަކެއް މަކަރު ތަކެއް ހަދައިގެން ކަން މިހާރު އެނގި ފާޅުވަމުންދާ ކަމަށާއި އަލުން ވޯޓެއް ނަގައިފިނަމަ ކުރީން ހެދި މަކަރުތައް ހަދަން އުދަގޫވާނެތީ ބޭރުބައެއްގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންގޮސްގެން ނަމަވެސް ނަޝީދަށް ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޑރ. ޝަހީދުގެ މި ނުބައި ޢަމަލުތަކާއިމެދު ރާއްޖޭގެ ރައްޔިތުން ކަންބޮޑުވެ އިންތިހާޔަށް ނުރުހުންތެރިކަން ފާޅުކޮށް އެމްޑީޕީގެ އާންމު މެމްބަރުންވެސް މިކަމާއިމެދު އިހުތިޖާޖު ކުރަން ފެށުމުން، މަޖުބޫރު ވެގެން ޑރ. ޝަހީދު ވަނީ އޭނާ ދައްކަވަމުން އައި ވާހަކަ ތަކުގެ ރާގު ހިސާބަކަށް ބަދަލު ކުރައްވާފައެވެ." އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އާއި ޑީ.އާރު.ޕީގެ އަތް ދަށުގައި ކަމާއި ދެބައިމީހުން އެއްބައިވެގެން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިންޑިއާގެ “އެހީ” ހޯދުމަށް އެދި ގާރާރެއް ފާސް ކުރުމަކީ ދާދި ފަސޭހަ ކަމެއް ކަމުގައި ބުނެ ޑރ. ޝަހީދު ވަކާލަތުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިނުރައްކާތެރި އަދި ޣަދަރުވެރި ހިޔާލު ފަތުރަމުން ގެންދަވަނީ ހަމައެކަނި ޑރ. ޝަހީދެއް ނޫނެވެ. އެމްޑީޕީއާއި އަދި ޑީއާރުޕީގެ އިސް ބައެއް ފަރާތްތަކުންވެސް ސޯޝަލް މީޑިއާގައި ފާޅުގައި މި ގޮތަށް ޚިޔާލު ފާޅުކޮށް ވަކާލާތު ކުރަމުން އެބަ ގެންދެއެވެ. ބޭރު ބައެއްގެ އަޅުވެތި ކަމަށް ރާއްޖެ ގެންދަން އެމީހުން ދައްކާ ބަހަނާއަކީ ރާއްޖޭގައި މާ އަނިޔާވެރިކަން” ބޮޑު ވެއްޖެ ކަމުގައެވެ." އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ވަނީ ޝަހީދާއި އަދި ނަޝީދަށް މަސައްކަތް ކޮށްދޭ އެހެން ފަރާތް ތަކުން ވަކާލާތު ކުރަމުންގެންދާ ނުރައްކާތެރި ކަންތަކަކީ ދިވެހިލޭ ހިނގާ އެންމެހައި ދިވެހި ދަރީން ވަރަށް ސީރިޔަސް ކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި ރާއްޖެގައި މިއޮތް މާތްވެގެންވާ އިސްލާމް ދީނާއި އަދި ސިޔާދަތަށް ނަޝީދާއި އޭނާގެ ބައިވެރީންގެ ކިބައިން ހުރި ނުރައްކާތެރިކަމާއިމެދު އެންމެހައި ދިވެހި ރައްޔިތުން ހޭލާ ތިބުމަށް ގޮވާލާ ކަމަށެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިމިވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރާއްޖެއަށް އިންޑިއާ ސިފައިން އަރާ ހިފުމަށް ގޮވާލާފައިވަނިކޮށެވެ. ޝަހީދު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް “އާރުޓޫޕީ” ހިންގަން ކޮމަންވެލްތުން އިންޑިޔާގެ ކިބައިން އެދުމަށާއި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ގޮވާލާފައިވަނިކޮށެވެ.
ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް (އާރްޓޫޕީ) އަކީ 2005 ވަނަ އަހަރު އދ. އިން ފާސްކޮށް އަމަލުކުރަމުންދާ އުސޫލެކެވެ. ގައުމަކުން އެގައުމެއްގެ ކަންކަން ހައްލުކުރަން ނުކުޅެދިއްޖެނަމަ އެހެން ގައުމުތަކުގެ އަސްކަރިއްޔާ ބޭނުންކޮށްގެން މިއުސޫލުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އދ. އިން އަޅަމުންގެންދެ އެވެ.
އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާގެ މަގާމުގައިވެސް ހުންނެވި ޑރ. ޝަހީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާތީ ސިޔާސީ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޝަހީދަށް ރައްދުދެއްވަމުންނެވެ.
ޝަހީދު ޣައްދާރުވީ ގައުމަށް ޣައްދާރު ވެވޭނޭ އެންމެ ބޮޑު މިންވަރަށް - އަދާލަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ