ޕީޕީއެމުން ސަރުކާރާ ހަވާލުވިއިރު، ބަލިކަށިވެފައިވާ ސިއްހީ ދާއިރާ އަށް ބަދަލުތަކެއް ގެނެސް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް، ލަސްތަކެއް ނުވެ ސިއްހީ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އަވަސްކަމާއި ރައްކާތެރިކަމާ އެކު ކަނޑުމަގުން ގެންދިއުމަށް މުޅި ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުން އިފްތިތާހުކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރޭގައި، ސަރުކާރަށް ރަނގަޅުކުރަން ޖެހިފައި އޮތީ އެއް ކަމެއް ދެ ކަމެއް ނޫން ކަމަށެވެ. ސިއްހީ މަރުކަޒުތަކާއި އެތަންތަނުން ދޭ ހިދުމަތްތަކާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުންނަށް ބެލި ނަމަވެސް، ހުރިހާ ކަމެއް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ނައިބު ރައީސް ހަވާލުކޮށްދެއްވަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް "ސަރުކާރުގެ 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ މުހިއްމު ވައުދަކަށްވީ ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ލަސްތަކެއްނުވެ ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް އެ ހިދުމަތް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އެއް ނަމްބަރު ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއް ތަނުން އަނެއް ތަނަށް ބަލި މީހުން ގެންގޮސް، ދޭންޖެހޭ ފަރުވާ ދިނުމަށް ދިމާވާ ދަތިތައް ކަމަށެވެ. ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމަނައިގެން، ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދީ، އެއް ތަނުން އަނެއް ތަނަށް ވީހާ ވެސް އަވަހަށް ބަލި މީހާ ގެންގޮސް ފަރުވާދިނުމަށްޓަކައި ބުރާސްފަތި ދުވަހު ތައާރަފްކުރި ސީ އެމްބިއުލާންސަކީ މުހިއްމު ހިދުމަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ހިދުމަތުގެ ސަބަބުން ދެ ކަމެއް ހާސިލްވާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވި އެއް ކަމަކީ ބަލި މީހާ އަށް ފަރުވާދިނުމަށް އަވަހަށް ދަތުރުކުރާނީ ކޮން ދިމާއަކަށްތޯ ކަނޑައެޅުމަށްޓަކައި ހޭދަވާ ވަގުތު ކުޑަވުން ކަމަށެވެ. އަދި އަނެއް ކަމަކީ ވީހާ ވެސް އަވަހަށް އަދި ރައްކާތެރިކަމާ އެކު ބަލި މީހުން މާލެ އަށް ބަދުކޮށް، ކުރަން ޖެހޭ ހަރަދު އެތައް ގުނައަކުން ކުޑަވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.
"ހިދުމަތް މިއަދު ތައާރަފްވެގެންދާއިރު، ސަރުކާރުގެ އުއްމީދަކީ ކުރިއަށް މިއޮތް ދުވަސްތަކުގައި، އެންމެ ލަސްވެގެން ވެސް މި އަހަރު ނިމެންވާ އިރަށް ﷲގެ ރަހުމަތާ އެކީގައި މުޅި ރާއްޖެ އަށް މި ހިދުމަތް ތައާރަފްކުރުން،" ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ރައްޔިތަކު ސިއްހީ ހިދުމަތުން މަހްރޫމް ނުވާ ގޮތަށް، މި އަހަރު ނިމެންވާ އިރަށް 26 ލޯންޗް މަރާމާތުކޮށް، ހިދުމަތް ކުރިއަށް ގެންދާނެ އެވެ.
ސިއްހީ ހިދުމަތަށް ތައްޔާރުކޮށްފައިވާ ސީ އެމްބިއުލާންސް ނައިބު ރައީސް ބައްލަވާލައްވަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމީ ޑޮކްޓަރުން ކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައިގެ އޮނިގަނޑެއް އެކުވަލާފައި ނެތް ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑާ އެއްގޮތަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
އެ އޮނިގަނޑުގެ ދަށުން، ނައިބު ރައީސް ވިދާޅުވި ގޮތުގައި، 200 ޑޮކްޓަރުން ރެކްރޫޓްކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ޑޮކްޓަރުން ނުލިބުމުގެ ދަތިކަން ވެސް ސަރުކާރަށް ހައްލުކުރެވޭނެ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސިއްހީ ދާއިރާގައި ހިދުމަތްކުރާ މުވައްޒަފުން، ރައްޔިތުންނަށް އެހީތެރިވުމުގެ މުހިއްމު ކަމަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އަށް ބޭނުންވާ ޑޮކްޓަރުން ހޯދައި ވަސީލަތްތައް ހަމަކުރި ނަމަވެސް އެއަށް ވުރެ މުހިއްމު ކަމަކީ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހިންގަވަން ތިއްބެވި ބޭފުޅުން އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ކަމަށެވެ.
ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ސިޓީ ފޮނުވައި އާދޭސްކޮށްގެން ކަންކަން ރަނގަޅުނުވާނެ ކަމަށާއި އެކަށީގެންވާ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނީ އަމިއްލަ އަށް އިސްނަގައި ކަންކަން ކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި މެނޭޖްކުރަން ތިއްބެވި ބޭފުޅުންނާއި ހިންގަވަން ތިއްބެވި ބޭފުޅުން ސިޔާސީ އެކި ފިކުރުތަކުގެ ތެރޭގައި ގެނބިގެން ގޮސް، ހިދުމަތަށް ބުރޫއަރާ މިންވަރަށް އެބައެއްގެ ސިޔާސީ ވިސްނުމާއި ފިކުރު ތަޣައްޔަރުވެއްޖެ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް ކިތަންމެ ރަނގަޅަށް އެމްބިއުލާންސާއި ޑޮކްޓަރުންނާއި އޮނިގަނޑު ތައާރަފްކުރި ނަމަވެސް ހިދުމަތް ރައްޔިތުން ދެކެން ބޭނުންވާ މިންވަރަށް ފޯރުކޮށްދޭން ދަތިތަކެއް ހުންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ސީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ކުރިމަތިކުރުވާ ދަތިތައް ބަލައި، އެކަން ސަރުކާރުން ތަހައްމަލްނުކުރާނެ ކަމަށެވެ. އެކަން އެގޮތަށްވާ ނަމަ، އެފަދަ ކަންކަން ނިމުމަކަށް ގެންނަން ސިއްހީ ދާއިރާގެ އޮނިގަނޑަށް ސަރުކާރުން ބަދަލުތަކެއް ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށް ބުރާސްފަތި ދުވަހު ހިދުމަތް ފަށާފައި ވަނީ ރ. އަތޮޅާއި ދ. އަތޮޅުގަ އެވެ.
ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް، ލަސްތަކެއް ނުވެ ސިއްހީ ހިދުމަތް ފޯރުކޮށްދޭނަން: ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ