ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި ނަމަ ޕީޕީއެމަށް ސޮއިކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑީއާރުޕީގެ މެންބަރު އަހުމަދު ހަމީދު (ފްލައި) މިއަދު ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރިޔަސް ކައުންސިލަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ފްލައި ޕީޕީއެމަށް ބަދަލުވާން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ޑީއާރުޕީން ކެނޑެން ހިޔާލުކުރެއްވި ކަމަށާއި ނަމަވެސް ލަފާ ދޭ ފަރާތްތަކުން އެދިގެން މަޑުކުރެއްވީ ކަމަށެވެ.
"އޭރު ގޮނޑި ވެސް ދޫކޮށްލުމުގެ ވިސްނުމެއް އަޅުގަނޑުގެ ހުރުމާ އެކު ޕާޓީން ވަކިވާން ވިސްނިން،" އޭނާ ވިދާޅުވި އެވެ.
ފްލައި ވިދާޅުވީ ކައުންސިލަށް އޭނާ ކެމްޕެއިން ކުރެއްވި އިރު އޭނާގެ އަތުގައި ހިއްޕަވައިގެން ނުކުމެވަޑައިގެންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް މައުމޫނު ކަމަށާއި މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނާއި މައުމޫގެ އާއިލާގެ ބޭފުޅުންގެ މަސައްކަތް ހަނދާން ނުނެތޭނެ ކަމަށެވެ.
"އެހެންވީމާ މައުމޫން އެދިވަޑައިގެންފި ނަމަ އަޅުގަނޑު ހުންނާނީ ޕީޕީއެމްގައި،" ފްލައި ވިދާޅުވި އެވެ.
ޕީޕީއެމަށް ފްލައި ސޮއިކުރައްވާނެ ކަމަށް ނިހާން ވަނީ ޓްވީޓެއްގައި ވިދާޅުވެފަ އެވެ. ފްލައިގެ އިތުރުން ވެސް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ލިބުމާ އެކު ވަރަށް ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ޓްވީޓްކުރައްވާފައިވެ އެވެ.
މައުމޫން އެދިވަޑައިގެންފި ނަމަ ޕީޕީއެމަށް ދާން ތައްޔާރު: ފްލައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ