ގާސިމް ހައްޔަރު ކުރީ ޖިސްމާނީ އަނިޔާ ކުރަން – އިދިކޮޅު ފަރާތްތައް

ފުލުހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ އޭނާ އަށް ޖިސްމާނީ އަނިޔާ ކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ގުޅުގެން އުފައްދާފައިވާ ކޯލިޝަނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ގާސިމްގެ މައްޗަށް ކުރާ ތުހުމަތުތަކުގައި މައްސަލަ ތަޙްޤީޤްކޮށް ނިންމައި މައްސަލައިގެ ޝަރީޢަތް ފަށައި، ދައުލަތުން އެދުނު ގޮތުގެ މަތީން ޤާސިމް ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ކުރުމުގެ އަމުރު ދީފައި ނުވާހިނދު، އަނެއްކާވެސް ހެކި ހޯދުމަށްކަމަށްބުނެ ފުރައްސާރަކުރުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގެއާއި އޮފީސް ފާސްކޮށް އަދި މޮބައިލް ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީގެ އިތުރުން ފުލުސް އޮފީހަށް ގާސިމް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށެވެ.
"މިއިން އެއްވެސް ފަހަރަކު ގާސިމްގެ މައްޗަށް ކުރެވޭ ތުހުމުތަތުތަކުގެ ހެކި ފެނިފައިނުވާހިނދު، ބުރާސްފަތި ދުވަހުގެރޭ އަލުން އެސްއޯ ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެޔަށް ވަދެ ހައްޔަރުކޮށްފައިވަނީ ޖިސްމާނީ ގޮތުން އަނިޔާ ކުރުމަށް ކަމުގައި ދެކެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ގަދަބާރުން ވެރިކަން ކުރުމުގެ ޢަމަލުތައް އިތުރުވެ، ޤަނޫނުގެ ވެރިކަން ނަގާލައި، މުވައްސަސާތައް ހިޞާރުކުރުމާއެކު ސަރުކާރުން އިސްވެތިބެ އޮނަރަބްލް ޤާސިމް އިބްރާހީމް ހައްޔަރުކުރުން ފަދަ ފާލުން ނެއްޓިފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުން އަންނަކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށްފައި ވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ