މަސްތުވާތަކެތި ޓްރެފިކްކޮށްގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މީހަކު ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ އެ ހުކުމަށް ތާއީދުކޮށް، ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ގއ. ދެއްވަދޫ ހިލްވަސަމް އިބްރާހިމް އަލީފްގެ މައްޗަށް އެ ހުކުމް އައިސްފައިވަނީ އޭނާ އާއި އެރަށު ޑޯރެންސީ ވިލާ އަބްދުﷲ ޖުނައިދު ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގަ އެވެ. އެ ތަކެތި ގެންގުޅެނިކޮށް ފުލުހުންނަށް ފެނުމުން ޖުނައިދުގެ އަތުން އެ މަސްތުވާތަކެތި އަޅާފައި އޮތް ކޮތަޅު އަތުލުމަށް ފަހު އެ ކޮތަޅު ހިފައިގެން ދުވެފައިދަމުން އަލީފް އެ ކޮތަޅު މަގުމައްޗަށް އެއްލާލި އެވެ. އެ މައްސަލައިގައި އަލީފާއި ޖުނައިދު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައިވަނީ އެ މައްސަލައިގެ ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް އަލީފްގެ ފަރާތުން ބުނި ނަމަވެސް ހާދިސާ ނަފީކުރެވޭ ވަރުގެ ކަމެއް ހެކިބަހުގައި ނެތް ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުގެ އެ ހުކުމަށް ބަދަލު ގެންނަންނުޖެހޭ ކަމަށް ނިންމެވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
އަލީފް އެއްލާލި ކޮތަޅުން ޖުމްލަ 198 ގްރާމް މަސްތުވާތަކެތި ފެނުނު ކަމަށް ހުކުމުގައިވެ އެވެ. އެކަމުގައި އަލީފާއެކު ބައިވެރިވި ޖުނައިދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެ އިއްވުމުގެ އިތުރުން އެއިން ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އޭގެ ތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ބަހައްޓައިފިނަމަ އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް އެ މަސްތުވާތަކެތި ބެހެއްޓީ ކަމަށް ބެލެވޭނެ އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު ހައި ކޯޓުން ވެސް ސަލާމަތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ