ނޮބެލް ސުލްހައިގެ އިނާމް ހާސިލް ކުރި އެންމެ ހަގު ޒުވާނާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައީ މިއަދު ޕާކިސްތާނުގެ ޕިޝާވަރު ސިޓީގެ ސްކޫލަަކަށް ތާލިބާނުން ދިން ހަމަލާއާ މެދު ހިތާމަ ފާޅުކޮށްފި އެވެ.
"އަޅުގަނޑުމެންގެ ލޮލު ކުރި މަތީގައި ހިނގާ މިފަދަ ޓެރަރިޒްމް ގެ އަމަލްތަކާ މެދު ވަރަށް ހިތާމަ ކުރަން. ސްކޫލްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ މައުސޫމް ކުދިން މިފަދަ މާހައުލެއްގައި ބޮޑުވުމަކީ އެދެވިގެންވާ ކަމެއް ނޫން،" މަލާލާ ބުންޏެވެ.
މަލާލާ ވަނީ ތާލިބާނުންގެ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ޕާކިސްތާނުގެ ސަރުކާރާއި އަސްކަރިއްޔާއާ ގުޅިގެން ހިތާމައިގެ މި ދަނޑިވަޅުގައި މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފަ އެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިން މިހާތަނަށް ކުރެވުނު މަސައްކަތްތައް ފާހަގަކޮށް އޭނާ ވަނީ އަސްކަރިއްޔާއަށް ޝުކުރުވެސް އަދާކޮށްފަ އެެވެ.
މަލާލާ މަޝްހޫރުވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތާލިބާނުން އޭނާ އަށް ދިން ހަމަލާ އަށް ފަހު އެވެ. ކުޑަކުދިންގެ ތައުލީމަށް ހިތްވަރުދޭތީ ތާލިބާނުން ދިން މަރުގެ ހަމަލާ އަށް މަލާލާ އަށް ބޭސްކޮށްދީފައި ވަނީ އިނގިރޭސިވިލާތުންނެވެ.
ޕާކިސްތާނުގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލު ކަމުގައި ބެލެވޭ މި ހަމަލާގައި މިހާތަނަށް 141 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 80 ކުޑަކުދިން ހިމެނޭ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ. އަދި ބުނެފައިވަނީ ހަމަލާގައި މަރުވި މިންވަރަށް މީހުން ޒަޚަމްވެގެން ފަރުވާވެސް ދެމުންދާ ކަމަށެވެ.
ޕާކިސްތާނުގެ ސްކޫލް ހަމަލާއާ މެދު މަލާލާ ހިތާމަ ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ