ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ "ކްރިއޭޓޯލް" އާންމުކޮށް، ޓެސްޓްކުރުމުގެ މަރުޙަލާ ފަށައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އުފައްދާފައިވާ، ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ޕްލެޓްފޯމް "ކްރިއޭޓޯލް" ޢާންމުކޮށް ޓެސްޓްކުރުމުގެ މަރުޙަލާ ފަށައި މިއަދު ހުޅުވާލައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ފުރުސަތަކީ އެ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިން، ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެރިންނަށް އެ ޕްލެޓްފޯމް ތަޖުރިބާކޮށްލުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. "ކްރިއޭޓޯލް" އަކީ ދިވެހި އަދި ބައިނަލްއަޤްވާމީ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ބްރޭންޑްތަކުގެ އިތުރުން މުޅި ދުނިޔޭގެ އޯޑިއަންސާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ޚާއްސަ 'މާކެޓް ޕްލޭސް'އެކެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ އެ ޕްލެޓްފޯމްގެ ޒަރިއްޔާއިން، ރާއްޖޭގެ އަސްލު ތަޖުރިބާތައް ދައްކުވައިދޭ ކޮންޓެންޓް ދައްކާލުމަށާއި، އޭގެ ލައިސަންސް ދޫކުރުމުގެ އިތުރުން، އެއިން މާލީ މަންފާ ހޯދުމުގެ މަގު ކްރިއޭޓަރުންނަށް ފަހިވެގެންދާނެ ކަމަށް ބުނެފައެވެ. ވޭތުވެދިޔަ މަހުގެ ތެރޭގައި "ކްރިއޭޓޯލް" ވަނީ ޓެސްޓްކުރުމަށާއި، ވަކި ޚާއްސަ ކްރިއޭޓަރުންތަކަކަށް ހުޅުވާލައިގެން ބޭނުން ކުރަން ފަށައިފައެވެ. އެ މުއްދަތުގައި ބޭނުންކުރި ފަރާތްތަކުން ލިބުނު ޚިޔާލުތަކަށް ބިނާކޮށް، ވީއެމްސީއިން ވަނީ ޕްލެޓްފޯމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކޮންޓެންޓް އަޕްލޯޑް ކުރުމުގެ ނިޒާމު ފަސޭހަކުރުމާއި، ސައިޓްގައި ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތް ހެދުމުގެ އިތުރުން، ޖުމުލަ ގޮތެއްގައި ޕްލެޓްފޯމް ބޭނުންކުރުމުގައި ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. ވީއެމްސީއިން ވަނީ އެ ޕްލެޓްފޯމް އެންމެހާ ފަރާތްތަކަށް ހުޅުވާލުމުގެ ކުރިން ބާއްވާ "ޕަބްލިކް ބީޓާ" މަރުޙަލާގައި ބައިވެރިވުމަށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި، ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެރިންނަށް ދައުވަތު އަރުވާފައެވެ. އެ މަރުޙަލާގައި ލިބޭ ޚިޔާލުތަކަކީ ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ލިބޭނެ މުހިންމު ބާރެއް ކަމަށް ވީއެމްސީއިން ބުންޏެވެ. ކްރިއޭޓޯލް ބައްޓަންވަމުންދަނީ އެ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކު. މި ބީޓާ މަރުޙަލާގެ ސަބަބުން، ޕްލެޓްފޯމްގެ ފީޗާތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކްރިއޭޓަރުންނަށް ލިބިގެންދާއިރު، މީގެ ސަބަބުން ޕްލެޓްފޯމް އިތުރަށް ފުރިހަމަކުރުމަށް އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ. ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އެ ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ޕްލެޓްފޯމް ބިނާކުރުމުގައި، ދާއިރާގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމަށް އަޅުގަނޑުމެން ހިތްވަރުދެން، ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ޕްލެޓްފޯމްގައި މިހާރު ވެސް ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމާއި، އާންމު ދިރިއުޅުން ދައްކުވައިދޭ ތަފާތު ވިޝުއަލް ކޮންޓެންޓްތައް ހިމަނާފައިވާ ކަމަށެވެ. އެ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ރާއްޖެއާ ބެހޭ ވާހަކަތައް މުޅި ދުނިޔެއަށް ތިލަކޮށްދޭ މަރުކަޒީ ވަސީލަތެއްގެ ގޮތުގައި ކަމަށާއި އޭގެ ބޭނުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާން ބޭނުންވާ ދިވެހި ކްރިއޭޓަރުންނަށާއި ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއާ ގުޅޭ ކޮންޓެންޓް އުފައްދާ ބޭރުގެ ކްރިއޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ. ބީޓާ ޓެސްޓިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ކްރިއޭޓަރުންނާއި މަސްލަހަތުވެރިންނަށް "ކްރިއޭޓޯލް" އަށް ޒިޔާރަތްކޮށް، ޕްރޮފެޝަނަލް ނުވަތަ ބިޒްނަސް ކްރިޑެންޝަލް ބޭނުންކޮށްގެން ލޮގިންވެ، ޕްލެޓްފޯމްގެ ފީޗާތައް ބޭނުންކޮށްލެވޭނެ ކަމަށް ވީއެމްސީއިން ބުނެއެވެ. އަދި އެންމެ ފުރަތަމަ ރަޖިސްޓާކުރާ 30 ފަރާތަށް ހުޅުވާލެފިވައިވާ ފުރުސަތުގައި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ކޮންޓެންޓް އަޕްލޯޑް ކުރުމާއި، ސައިޓްގައި ނެވިގޭޓް ކުރުމާއި، މާކެޓްޕްލޭސްގެ މަސައްކަތްތައް ޓެސްޓްކޮށް، ލިބޭ ތަޖުރިބާގެ މައްޗަށް ބިނާކޮށް ޚިޔާލު ފާޅުކުރުމަށް ވީއެމްސީއިން ވަނީ އެދިފައެވެ. އެ ޚިޔާލުތަކަކީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިން ގެންނަންޖެހޭ އިތުރު ކުރިއެރުންތައް ގެނައުމަށް ލިބޭނެ މުހިންމު އެހީތެރިކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ