ޕޭޕަލް އަލުން ޓެކްނޮލޮޖީ ކުންފުންޏަކަށް ބަދަލުކޮށް އޭއައިއާއެކު އައު މިސްރާބަކަށް

ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ޚިދުމަތްދޭ ކުންފުނި ޕޭޕަލް އަލުން ޓެކްނޮލޮޖީ ކުންފުންޏަކަށް ބަދަލުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްދާން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ ގުޅޭގޮތުން އިންވެސްޓަރުންނާ ބައްދަލުކުރައްވައި ސީއީއޯ އެންރީކޭ ލޮރޭސް ދެއްކެވި ވާހަކަފުޅުގައެވެ. ކުންފުނީގެ ހިއްސާގެ އަގު ދަށަށްގޮސް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޕޭޕަލްއިން އަމާޒު ހިފާފައިވަނީ ކުންފުނީގެ އަސާސީ ކަންކަން ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. މީގެ ތެރޭގައި ކުންފުނީގެ ޕްލެޓްފޯމް މޮޑަނައިޒް ކުރުމާއި، ކްލައުޑް ނޭޓިވް ޚިދުމަތްތަކަށް ބަދަލުވުމުގެ އިތުރުން ސޮފްޓްވެއާ ޑިވެލޮޕްމަންޓްގެ މަސައްކަތްތަކުގައި އޭއައި ބޭނުންކުރުން ހިމެނެއެވެ. https://sun.mv/221225 ސީއީއޯ ލޮރޭސް ވިދާޅުވި ގޮތުގައި އޭއައިގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން އޭއައިގެ އެހީގައި ކުންފުނީގެ ހިންގުމުގެ ޚަރަދުތަކުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާއެކު ވެސް ކުންފުނީގެ މުވައްޒަފުންނަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ 20 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 4,500 މުވައްޒަފުން ވަކިކުރުމަށް ޕޭޕަލްއިން ވަނީ ރާވާފައެވެ. މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ލޮރޭސް ވިދާޅުވިއެވެ. މީގެ އިތުރުން ޕޭޕަލްގެ ވިޔަފާރި ވަނީ ތިން ބަޔަކަށް ބަހާލައި އަލުން ތަރުތީބުކޮށްފައެވެ. އެއީ ޗެކްއައުޓް ސޮލިއުޝަންސް، ކޮންސިއުމާ ފައިނޭންޝަލް ސާވިސަސް (ވެންމޯ ހިމެނޭހެން) އަދި ޕޭމަންޓް ސާވިސަސްއެވެ. މަޝްހޫރު ވެންމޯ އެޕް ވަކި ވިޔަފާރިއެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތަކީ އެ ވިއްކާލުން ކަމަށްވާނަމަ އެ ފުރުސަތު އޮތްކަމުގެ އިޝާރާތެއް ވެސް ސީއީއޯ ވަނީ ދެއްވައިފައެވެ. ޕޭޕަލްއިން އޭއައި ބޭނުންކުރަން ނިންމާފައި ވަނީ ހަމައެކަނި ކޯޑިންގެ މަސައްކަތުގައެއް ނޫނެވެ. ކަސްޓަމާ ސާވިސް، ސަޕޯޓް އޮޕަރޭޝަންސް އަދި ރިސްކް މެނޭޖްމަންޓް ފަދަ ދާއިރާތަކަށް ވެސް އޭއައި ތައާރަފްކޮށް، މުޅި ކުންފުނީގެ މަސައްކަތުގެ އޮނިގަނޑު އަލުން ބައްޓަންކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެހެން ބައެއް ޓެކްނޮލޮޖީ ކުންފުނިތަކުން މިހާރު ވެސް ކާމިޔާބުކަމާއެކު ކުރަމުންދާ ކަމެއްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ