ޑޮލަރުގެ ތާށިކަން ހައްލުކޮށް ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ އިންވެސްޓަރުންނާ މަޝްވަރާކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިގްތިސާދާއި ވިޔަފާރީގެ ހަބަރުތައް ގެެނެސް ދޭ ބައިނައަގުވާމީ ނޫސް، 'ބްލޫމްބާގް' އަށް ދެއްވި އިންޓަވިއުއެއްގައި ބީއެމްއެލްގެ ޑިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން، އަބްދުﷲ ހަސަން ވިދާޅުވެފައި ވަނީ:
ޑޮލަރު ސުކޫކެއް ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކުމަށް އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކޮށް، މާކެޓުގެ ޝައުގުވެރިކަން ހުރި މިންވަރު ބަލަމުން އަންނަ
ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ވިއްކަން މަޝްވަރާކުރަމުން އަންނަ މި ސްކޫކަކީ 300 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދަން ވިއްކާ ސްކޫކެއް
އިންވެސްޓަރުންނާއެކު ބާއްވާ މި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވަމުން އަންނަނީ ދުބާއީގެ މަޝްރިގް ބޭންކުން ކަމަށް ވެސް ބްލޫމްބާގުން ބުންޏެވެ.
އީރާންގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މައި ހަބުތައް މެދުވެރިކޮށް ކުރާ ދަތުރުފަތުރުތަކަށް ބުރޫއަރައި އަދި އޭވިއޭޝަން ތެލުގެ އަގު އުފުލުމަކީ ޓޫރިސްޓުން ރާއްޖެ އައުން މަދުވެފައިވާ ސަބަބެކެވެ.
މިކަމާ ގުޅޭގޮތުން މޫޑީސް ރޭޓިންސްގެ އެނަލިސްޓް މާކަސް ޔިއު ބްލޫމްބާގަށް ވިދާޅުވީ ދަތުރުފަތުރަށް އަންނަ ހުރަސްތަކާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އިގުތިސާދީ ދުވެލި މަޑުޖެހުމުގެ އިތުރުން ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވެ އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން:
ރާއްޖޭގެ'ބެލެންސް އޮފް ޕޭމަންޓްސް' އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް
ބޭރު ފައިސާގެ ލިކުއިޑިޓީއަށް އަސަރުކޮށް ރިޒާވް ދަށްވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި
ބީއެމްއެލް އިން ސުކޫކު ވިއްކައިގެން ހޯދަން އުޅޭ ފައިސާއަކީ ސީދާ ޓޫރިޒަމް ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ހޯދާ ފައިސާއަކަށް ނުވި ނަމަވެސް، އަބްދުﷲ ހަސަން ވިދާޅުވީ މިއީ އިގުތިސާދުގެ ތެރޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް ނިމި އާ ޓާމިނަލް ހުޅުވުމަށް ފަހު އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިނުުގެ އަމާޒުގައި އާ ރިސޯޓުތައް ތަރައްގީކުރަން ސަރުކާރުން އިތުރު 30 ރަށެއް ދޫކޮށްފައިވާކަން ހަސަން ބްލޫމްބާގަށް ވިދާޅުވި އެވެ. މި ސްކޫކުގެ ސަބަބުން:
ބޭރު ފައިސާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެ ކަންކަމަށް ވާއިރު ޑޮލަރުން ފަންޑިން ހޯދިއްޖެނަމަ މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވި
"މުޅި އިގުތިސާދަށް މި ލިކުއިޑިޓީގެ ފައިދާ ކުރާނެ. މިއީ ނުސީދާ ގޮތެއްގައި މި މައްސަލައަށް ލިބޭނެ ހައްލެއް،" އަބްދުﷲ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މާލީ ބާޒާރަށް ބީއެމްއެލްއިން ނުކުންނަން މަސައްކަތް ކުރާއިރު، މޫޑީސްގެ އެނަލިސްޓް ފާހަގަކުރެއްވި ގޮތުގައި ސަރުކާރަށް ސީދާ ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުމަށް މިވަގުތު ހުރަސްތަކެއް އެބަހުއްޓެވެ. އެއީ އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ޕްރީމިއަމްއެއް ހުށަހަޅަން ޖެހޭނެތީ އެވެ.
މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ސަރުކާރުން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް އިސް ނަގައިގެން މަސައްކަތްކުރަމުންނެވެ. ރިޒާވް ރަނގަޅުވި ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރީފައިނޭންސް ކުރުމުގެ ބަދަލުގައި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސްކޫކް އަނބުރާ ދައްކައި ހަލާސްކޮށްފަ އެވެ. ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެގެން އުޅެނީ އެއަށް ފަހު އެވެ.
ޑޮލަރުގެ ތާށިކަން ހައްލުކޮށް ޓޫރިޒަމަށް އެހީވާން ބީއެމްއެލްއިން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ