ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއައްސަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިގުތިސާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. މީގެ ތެރޭގައި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގޮތްޕެއް ގާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ގައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން ފާހަގަކުރެއްވި އެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމުގައި ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ