އީޝާއަކީ ވިކްޓިމެއް، ފެށިގެން ނިމެންދެން ކަން ހިނގި ގޮތް ތަފްސީލްކޮށް ކިޔައިދޭނެ: ޝަމީމް

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކުރި އީޝާ އަޝްރަފަކީ ވިކްޓިމެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށް އޭނާގެ ވަކީލު ހުސެން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މާޗު މަހު ފަހުކޮޅު އެ ޑޮކިއުމެންޓްރީ ނެރުނުތާ އެއް މަސް ފަހުން ފުލުހުން ތަހުގީގެއް ފަށައި އަދަދު ނޫހުގެ އިދާރާ ފާސްކޮށް އެތަނުގެ ކޮމްޕިއުޓަރު ސާމާނު ވަނީ ގެންގޮސްފަ އެވެ.
އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކެއް އަދާކޮށްފައިވާ އީޝާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ
އެ ތަހުގީގުގައި ސުވާލުކުރުމަށް ފިޔާޒާއި ހަސަން މީގެ ކުރިން ހާޒިރުކުރުމުން އެ ދެ ނޫސްވެރިން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންފަ އެވެ. އީޝާ ފުލުހަށް ހާޒިރުކުރީ މިރެ އެވެ.
ތަފްސީލް - އީޝާއާ ސުވާލުކުރި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ އީޝާ ހަނުނުހުރެ، ކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ.
"އީޝާއަކީ މި މައްސަލައިގައި ވިކްޓިމްއެއް. ދެން ވިކްޓިމްއަކަށް ވީގޮތް އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށް ފަހުން ކިޔައިދޭނަން. މި ވަގުތު އަޅުގަނޑުމެން މިދަނީ ފެށުނީއްސުރެ ނިމެންދެން، އެކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދެމުން،" ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ވަކާލާތު ކުރައްވާ އީޝާގެ އަނެއް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އީޝާގެ މައްޗަށް ތުހުމަތުކުރީ، ޑޮކިއުމެންޓްރީއިން ފެންނަނީ އޭނާކަން އެނގިގެންތޯ ނޫނީ ރައްދުވާ ފަރާތުން އެކަހަލަ ވާހަކައެއް ބުނެގެންތޯ ފުލުހުން ގާތު އެހި ކަމަށެވެ. ޖަވާބެއްގެ ގޮތުގައި ފުލުހުން ބުނީ "އެކަމާ ގުޅޭގޮތުން ހެއްކެއް ލިބިފައި އޮތުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެއީ ކޮން ބާވަތެއްގެ، ކިހިނެއް ލިބުނު ހެއްކެއް ކަމެއް ނުބުނޭ. ކިތާބީ ހެއްކެއް ކަމެއް، ވީޑިއޯ ހެއްކެއް ކަމެއް، ނޫނީ ސިއްރު ހެއްކެއް ކަމެއް ނުބުނޭ،" ފަރީދު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމީމް ވަނީ މިއީ ވަރަށް "ބަދުނަސީބު" ގޮތަކަށް ހިނގައި ދިޔަ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ:
ވަޒީފާގެ މާހައުލުގައި މިކަހަލަ ކަންކަން ވަރަށް އާއްމު ކަމަށް
މިއީ އެއްގޮތަކަށްވެސް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި ބޭނުންވެވަޑައިގަންނަވަނީ މިކަހަލަ ކަންކަން ހުއްޓެން ކަމަށް 
"އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން. ވަކި ކަހަލަ ކަންކަން ހުންނާނެ ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން،" ޝަމީމް ވިދާޅުވި އެވެ. 
މި މައްސަލައިގެ ތަހުގީގު މިރޭ ދިގުލައިގެންދާތީ، އީޝާގެ އެދުމަށް މާދަމާ ދެން ކުރިއަށް ގެންދިޔުމަށް ފަސްކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އޭނާ އާއި ފިޔާޒު އަދި ހަސަންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ